ކ. މާލެ
|
16 މެއި 2017 | އަންގާރަ 12:57
ފެބްރިގާސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ފެބްރިގާސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ފެބްރިގާސްގެ ލަނޑުން ވަޓްފޯޑް އަތުން ޗެލްސީ ސަލާމަތްވެއްޖެ
ޗެލްސީ އޮތީ ލިބުނު 90 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
ވަޓްފޯޑް އޮތީ ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައި

ޕްރިމިއާ ލީގުގައި ސެސް ފެބްރިގާސް ކާމިޔާބުކޮށްދިން ލަނޑުން ވަޓްފޯޑް އަތުން ޗެލްސީ ސަލާމަތްވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯން ޓެރީ އެވެ. މި ލަނޑަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ފަހު ޕްރިމިއާ ލީގުގައި ޓެރީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ވަޓްފޯޑް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕޯ އެވެ. މި ލަނޑާއެކު ވަޓްފޯޑް ވަނީ މެޗުގެ ތެރެއަށް ވަދެ ޗެލްސީގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

އެގޮތުން ވަޓްފޯޑް އިން ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައްވެސް އެޓީމުން ތަނަވަސްކުރި އެވެ. ވަޓްފޯޑް އިން ރަނގަޅަށް ކުޅެމުން ދިޔަ ދަނޑިވަޅެއްގައި ޗެލްސީގެ އަޒްޕިލިކުއެޓާ ވަނީ 36 ވަނަ މިނެޓުގައި އެޓީމަށް އަނބުރާ ލީޑު ނަގައިދީފައެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާ އިން ވަޓްފޯޑްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަޓްޝުއޭ އެވެ. ބަޓްޝުއޭ ވަނީ ޕްރިމިއާ ލީގުގައި އޮން ޓާގެޓަށް އުފެއްދި ހަތަރު ހަމަލާއިން ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ވަޓްފޯޑްގެ ޖަމްނާޓް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ވަޓްފޯޑް އިން ވަނީ 74 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮކަކާ އެވެ. މި ލަނޑާއެކު މެޗު ނިމެން ދަނިކޮށް ސެސް ފެބްރިގާސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުން ޗެލްސީ މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 37 މެޗުން ލިބުނު 90 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 37 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގަ އެވެ.

 

- ކޮމެންޓް