ޔޫރޯ 2020 ގެ ފައިނަލް މެޗުގެ ރެފުރީއަކަށް ނެދަލެންޑްސްގެ ބިޔޮން ކޮއުޕާސް ހަމަޖައްސައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި އިންގްލެންޑެވެ. މި މެޗުގެ ރެފުރީއަކަށް އުމުރުން 48 އަހަރުގެ ކޮއުޕާސް ހަމަޖެއްސުމާއެކު، އޭނާ ވެފައިވަނީ ޔޫރޯގެ ފައިނަލް މެޗުގައި ރެފުރީކަން ކުރާނެ ފުރަތަމަ ނެދަލެންޑްސްގެ ރެފްރީއަށެވެ. ކޮއުޕާސްއަށް ފީފާގެ ލިސްޓެޑް ރެފުރީކަން ލިބުނީ 2006 ވަނަ އަހަރުއެވެ. އަދި 2009 ވަނަ އަހަރު އޭނާ ވަނީ ޔުއެފާ އެލީޓް ރެފުރީ ގްރޫޕަށްވެސް ނަގައިފައެވެ.
މި އަހަރުގެ ޔޫރޯގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗުގެ ރެފުރީއަކަށް ކޮއުޕާސް ހަމަޖެއްސިއިރު، މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި އިޓަލީ ބައްދަލުކުރި މެޗުގައިވެސް ކޮއުޕާސް ވަނީ ރެފުރީކަން ކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީންނެވެ.
މި ފަހަރުގެ ޔޫރޯގައި ކޮއުޕާސް ވަނީ މިހާތަނަށް ތިން މެޗެއްގައި ރެފުރީކަން ކޮށްފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ބެލްޖިއަމް ބައްދަލުކުރި މެޗާއި، ސްޕެއިނާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ އިތުރުން ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގެ ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައިވެސް ކޮއުޕާސް ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ ކުރިން ކޮއުޕާސް ވަނީ ޔުއެފާއިން އިންތިޒާމުކުރި ހަ ފައިނަލެއްގައި ރެފުރީކަން ކޮށްފައެވެ. އެއީ 2006 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ޔޫރޯގެ ފައިނަލް މެޗާއި، 2009 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯގެ ފައިނަލް މެޗާއި، 2011 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕް މެޗާއި، 2013 އަދި 2018 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގެ އިތުރުން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.
މީގެ އިތުރުން ކޮއުޕާސް ވަނީ 2012 އަދި 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ރެފުރީކަން ކޮށްފައެވެ.