ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 17:59
ރައިސް ނަޝީދު ދިރިއުޅުއްވާ ގެ ހުންނަ ސަރަހައްދު / މެއި 6ވަނަ ދުވަހުގެރޭ
ރައިސް ނަޝީދު ދިރިއުޅުއްވާ ގެ ހުންނަ ސަރަހައްދު / މެއި 6ވަނަ ދުވަހުގެރޭ
ރާއްޖެއެމްވީ
އިންކުއަރީ ރިޕޯޓް
ނީލޯފަރު ހިނގުމުން ސައިކަލްތައް ނުނެގި ހުރީ ސިޓީ ކައުންސިލްގެ އިހުމާލުން
ނީލޯފަރު ހިނގުން ހުސްކޮށްދިނުމަށް މާޗް މަހު ސިޓީ ކައުންސިލްގައި އެދިފައިވޭ
މަގު ހުސްކުރުމަށް އެއްވެސް އިދާރާއެއްގެ ހުއްދަ ހޯދަންޖެހޭ ކަމަށް އިންކުއަރީން ގަބޫލެއް ނުކުރޭ
ހަމަލާގެ 6 ދުވަސް ފަހުން މަގު ހުސްކުރިއިރު އޭގެ ކުރިން އެ މަގު ހުސްނުކުރުމަކީ އިހުމާލެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ސައިކަލްތައް ނުނެގި ހުރީ މާލެ ސިޓީ ކައުންސިލްގެ އިހުމާލުންކަން ހާމަވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓުގައިވާ ގޮތުން އެ މަގުން ސައިކަލްތައް ނަގައި އެ މަގު ހުސްކުރުމަށް މާޗް މަހުގެ 18 ވަނަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސުން ވަނީ މާލެ ސިޓީ ކައުންސިލްގައި އެދިފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުހިނގާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެ މަގުގައި ހުރި ސައިކަލުތައް ހުސްކުރުމަށް އެދި އެސްޕީޖީގެ ކޮމާންޑަރ ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރ މުހައްމަދު ޒަމީރުގެ އަރިހުގައި އެދުނު ކަމަށް ރިޕޯޓުގައި ވެއެވެ. އެކަމަކީ ފަސޭހައިން ކުރެވެން އޮތް ކަަމަކަށްވީ ނަމަވެސް މެއި 6 ވަނަ ދުވަހުގެ ހާދިސާ ހިނގުމާ ހަމައަށްވެސް އެކަން ނުވެ، އޭގެ ހަދުވަސް ފަހުން މެއި 12 ވަނަ ދުވަހު އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމެއް ނެތި އެ މަގުގައި ހުރި ސައިކަލުތައް ހުސްކޮށްފައިވާކަން އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހުކުރުވިލޭރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޕޯޓަށް ބަހުސް ކުރައްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްގައި އޮތްއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ބަޔަކު މަދު ކުރުމަކީވެސް ބޮޑު އިހުމާލެއް ކަމަށެވެ. ހަމަލާ ދިންތާ 6 ދުވަސް ފަހުން އެ މަގު ހުސްކުރީ އެއްވެސް އެހެން އިދާރާއަކުން ހުއްދަ ހޯދުމެއް ނެތި ކަމަށްވާއިރު، މާޗް މަހު އެ މަގު ހުސްކުރި ނަމަ އެމަނިކުފާނުގެ ކާރުކޮޅަށް އެ މަގަށް ވަދެވުނީސް ކަމަށާ، އެމަނިކުފާނަށް ހިންގަވާފައި އެ ހިސާބަށް ވަޑައިގަންނަވަން ނުޖެހުނީސް ކަމަށެވެ. މިއީ ސިޓީ ކައުންސިލްގެ އިހުމާލުކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.

ރިޕޯޓުގައި ފާހގަކޮށްފައިވަނީ، ނީލޯފަރު ހިނގުން ހުސްކުރުމަށް އިތުރު ފަރާތެއްގެ ހުއްދަ ސިޓީ ކައުންސިލުން ހޯދަން ޖެހޭ ގާނޫނީ ސަބަބެއް ނެތި އެ މަގު ހުސް ނުކުރެވި އޮތުމަކީ ސިޓީ ކައުންސިލްގެ އިހުމާލު އޮތްކަން ހާމަވާ ކަމެއް ކަމުގައެވެ. ރައީސް ނަޝީދުގެ ތްރެޓް ލެވެލް، "ކްރިޓިކަލް" ގައި އޮތްކަން އެމްއެންޑީއެފަށްވެސް އެނގި އޮވެ އެމަގުން ސައިކަލުތައް ހުސްކުރުމަށް ދޭން ޖެހޭ ސަމާލުކަން ދީފައި ނުވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސައިކަލުތައް ނުނެގި ލަސްވަމުން ދިޔަ ނަމަވެސް އެމަގާއި ސައިކަލްތައް ސްވީޕްކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރައީސް ނަޝީދަށް ހުރި ތްރެޓްތައް އެއްވެސް ވަރަކަށް އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމާ ހިއްސާ ކޮށްފައިނުވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުތައް ނޭޅި އޮތްކަންވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.


Advertisement
- ކޮމެންޓް