ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖްޕަކްސަގެ ކޮއްކޮ ބަސިލް ރާޖަޕަކްސަ އެގައުމުގެ ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެވުނު ބަސިލް ރާޖަޕަކްސާއަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އާއި ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ވެސް ކޮއްކޮއެވެ. ކުރިން ފިނޭންސް މިނިސްޓްރީ ހިންގަވަމުން ގެންދެވީ އެތަނަށް ވަކި މިނިސްޓަރަކު ނެތި ސީދާ ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުންނެވެ. އެގައުމުގައި އަލަށް އުފެއްދި އިކޮނޮމިކް ޕޮލިސީސް އެންޑް ޕްލޭން އިމްޕްލިމެންޓޭޝަން މިނިސްޓްރީގެ ޒިންމާތަކާއި އިތުރު ބާރުތައްވެސް ބަސިލްއަށް ވަނީ ދީފައެވެ.
މީގެ އިތުރުން މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސައަށް ވަނީ ޔޫތް އެންޑް ސްޕޯޓްސްގެ މިނިސްޓަރުކަން ދީފައެވެ. މަހިންދަ ރާޖަޕަކްސާގެ ދޮށީ ބޭބެ ޗަމަލް ރާޖަޕަކްސައަށް އިރިގޭޝަން މިނިސްޓަރުކަމުގެ އިތުރުން ސްޓޭޓް މިނިސްޓަރ އޮފް އިންޓާނަލް ޑިފެންސް އަދި ޑިޒާސްޓާ މެނޭޖްމަންޓު ހަވާލުކޮށްފައިވެއެވެ. ޗަމަލްގެ ދަރިކަލުން ޝަޝިންދުރަ ރާޖަޕަކްސަ ގެންދަވަނީ ދަނޑުވެރިކަމާ ބެހޭ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުންނެވެ.
ލަންކާގެ ކެބިނެޓާ ބަސިލް ގުޅިވަޑައިގަތުމުންބއެ ކެބިނެޓުގައި ތިއްބަވާ ރާޖަޕަކްސަ އާއިލާގެ މެމްބަރުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.