ފުވައްމުލައް ސިޓީން މިހާތަނަށް 771 މީހަކު ޕޮޒިޓިވްވެ 752 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ބުދަ ދުވަހުގެ ހަވީރު 5:00ން ބުރާސްފަތި ދުވަހުގެ ހަވީރު 5:00ށް 124 ސާމްޕަލް ނަގާފައިވާ ކަމަށާއި، އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 10 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 17،471 ސާމްޕަލެއް ނަގާފައިވާއިރު، 135 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. އަދި 771 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، 752 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. މިހާތަނަށް 1881 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، ހައި ރިސްކު ކޮންޓެކްޓުންގެ ގޮތުގައި 284 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލުން ބުނީ ޖުމްލަ 20 އެކްޓިވް ކޭސް ހިމެނޭ ކަމަށެވެ. އެއީ 16 ދިވެހިންނާއި 4 ބިދޭސީންނެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބަލީގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން ވެކްސިން ޖެހުމުގެ މުހިންމުކަމާއި، ވެކްސިންއަށް އާއްމުން ހޭލުންތެރިވުމުގެ ގޮތުން ގިނަ މަސައްކަތްތަކަށް ހޮސްޕިޓަލުން ކުރަމުންދެއެވެ. އެގޮތުން މިހާތަނަށް 5888 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ. އަދި 3445 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.
ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.