ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:52
ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އިންކުއަރީ ރިޕޯޓް
ރައީސް ނަޝީދުގެ ތްރެޓް އެސެސްމެންޓް ދެ ރިޕޯޓެއް އެއް ނަމްބަރެއްގައި ހަދާފައިވޭ
 
މާޗް 3 އަދި ފެބްރުއަރީ 25ގައި ހަދާފައިވާ ތްރެޓް އެސެސްމެންޓްގައި އޮތީ އެއް ނަމްބަރެއް
 
2019ވަނަ އަހަރުވެސް އެކި ފަހަރު މަތިން، އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާ އޮތްކަމުގެ މައުލޫމާތު ލިބިފައިވޭ
 
2020 ވަނަ އަހަރު ޔާގޫތުގޭގައި އެމަނިކުފާނު އުޅުއްވި އިރުވެސް ބަޔަކު ފާރަލާކަން ރިޕޯޓު ކުރުމުން ފުލުހުން އެޓެންޑްވި

ރައީސް ނަޝީދުގެ ތްރެޓް އެސެސްމެންޓް ދެ ރިޕޯޓެއް އެއް ނަމްބަރެއްގައި ހަދާފައިވާ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮސްދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީގެ ރިޕޯޓަސް ބަހުސް ކުރައްވުމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އެކިފަހަރުމަތިން ރައީސް ނަޝީދަށް ބަޔަކު ފާރަލާކަން ފުލުހުންނާ އެމްއެޑީއެފްގެ ސަމާލުކަމަށް އައިސް އެޓެންޑް ވެފައިވާ ކަމަށެވެ. އެންމެ ފަހުން ތްރެޓް އެސެސްމެންޓެއް ރައީސް ނަޝީދުގެ އެސްޕީޖީއާ ހިއްސާ ކޮށްފައިވަނީ 3 މާޗްގައި ކަމަށެވެ. އެހެން ނަމަވެސް ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުވެސް ޓްރެޓް އެސެސްމެންޓެއް ހަދާފައިވާކަން ކޮމިޓީ އިންކުރީ ރިޕޯޓުން ފެންނަން އެބައޮތް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ފެބްރުއަރީ 25 އަދި މާޗް 3 ވަނަ ދުވަހުގެ ރިޕޯޓުގައި އޮތީ އެއް ނަމްބަރެއް ކަމަށާއި، ދެ ރިޕޯޓުގައި ތަފާތުތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން ފެބްރުއަރީ 25 ވަނަ ދުވަހުގެ ރިޕޯޓުގައި، ރައީސް ނަޝީދު ދަތުރު ކުރައްވާ މަގުގައި އައީޑީއެއް ނުވަތަ ވެހިކަލް ބޯން އައީޑީއެއް އަދި ޝައްކުކުރެވޭ މީހެއް ހުރިތޯ ބަލައި ޗެކްކުރަން ޖެހޭ ކަމަށް ބުނެފައިވާއިރު، މާޗް 3ވަނަ ދުވަހު ރައީސް ނަޝީދުގެ އެސްޕީޖީއާ ހިއްސާކުރި ރިޕޯޓުގައި، ރައީސް ނަޝީދު ދަތުރު ކުރައްވާ މަގު ކްލިއަރ ކުރުމަށް ބުނެފައިވާ ކަން އިލްޔާސް ފާހަގަ ކުރެއްވިއެވެ. އިލްޔާސް ވިދާޅުވި، ދެ ރިޕޯޓުގައިވެސް އެކަން ކުރަންވީ ކޮން ކަހަލަ ސަބަބަކާހެދި ކަމެއް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ ތްރެޓް ހިސްޓްރީއަށް ބަލާއިރު، 2020 ވަނަ އަހަރު ޔާގޫތުގޭގައި އެމަނިކުފާނު އުޅުއްވި އިރުވެސް ބަޔަކު ފާރަލާކަން ރިޕޯޓު ކުރުމުން ފުލުހުން އެޓެންޑްވި ކަމަށް ރިޕޯޓުގައިވެއެވެ. 2019 ވަނަ އަހަރުވެސް އެކި ފަހަރު މަތިން އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާ އޮތްކަމުގެ މައުލޫމާތު ލިބިފައިވާކަން ކޮމިޓީ ރިޕޯޓުގައިވެއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމަނިކުފާނު އަވަހާރަކޮށްލުމަށް ފަސް މިލިއަން ރުފިޔާ ބަޔަކަސް ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އެންމެ ފަހުން ރައިސް ނަޝީދުގެ ސެކިއުރިޓީ ލެވެލް މަތިކޮށްފައިވަނީ، މާޗް މަހު ކަމަށާއި، ރައީސް ނަޝީދަށް ބަޔަކު ފާރަލަނީ، ޖާސޫސް ކުރަން ނޫންކަން އެމްއެންޑީއެފަށް އެނގޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެބަޔަކު ފާރަލަނީ އެމަނިކުފާނަށް ހަމަލާއެއް ދިނުމަށް ކަމަށެވެ. މިކަން އެމްއެންޑީއެފާ ފުލުހުންނަށްވެސް އެނގޭކަމަށް ކޮމިޓީއަށް މައުލޫމާތު ދީފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ނުވާ ނަމަ އިތުރު ހަމަލާއެއް ދީފާނެ ކަމަށެވެ. އެކަމުގެ ކެޕޭސިޓީއާ އިންޓެންޝަންވެސް އެބަހުރި ކަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ތްރެޓް ޕްރޮފައިލް އާއި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭ ޓީމުގެ ތަޖުރިބާ އާއި ތަމްރީންތަކަށް ރިޕޯޓުގައި ވަކިން ބަލާފައިވެއެވެ. އަދި އެސްއޯޕީތަކަށް ފޮލޯކޮށްފައިވޭތޯ އާއި އެކަމާ ގުޅޭ ހޯދުންތައް ރިޕޯޓްގައި ހިމަނާފައިވެއެވެ. މައިގަނޑު 20 ކަމެއް ހިމަނާފައިވާއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ރައީސް ނަޝީދުގެ ސެކިޔުރިޓީއާ ގުޅިގެން ވަކި ރިކޮމެންޑޭޝަންތަކެއް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
50%
0%
50%
ކޮމެންޓް