ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 19:50
އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އާއި މެޗުގެ ރެފުރީ
އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އާއި މެޗުގެ ރެފުރީ
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ ބަލަނީ
މެޗު އަލުން ކުޅެން ގޮވާލައި ޕެޓިޝަނެއް އަންނަނީ ތައްޔާރުކުރަމުން
ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ ޑެންމާކް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ ޔުއެފާއިން ބަލަން ފަށައިފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފޮޓޯއެއް ދައުރުވަމުންނެވެ. އެހެންކަމުން ޔުއެފާއިން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން އެ މެޗުގައި ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތުގައި އިންގްލެންޑް ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކުރުމާއި، ދަނޑުތެރޭގައި އަލިފާން ބޯޅަ ރޯކުރި މައްސަލައެއްވެސް ޔުއެފާއިން އަންނަނީ ބަލަމުންނެވެ.

ބުރާސްފަތި ދުވަހު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ އިންގްލެންޑް ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް އެ އިދާރާގެ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޮޑީން މިހާރު ބަލަމުން އަންނަ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މެޗުގައި ހިނގި މި ކަންތައްތަކުގެ ސަބަބުން ޔުއެފާއިން އިނގިރޭސި އެފްއޭއަށް ފިޔަވަޅު އަޅާނެއެވެ. އެގޮތުން މި މައްސަލަތަކުގައި ޔުއެފާއިން އިނގިރޭސި އެފްއޭ ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕެނަލްޓީ ޖެހި ވަގުތު ޝްމައިކަލް މޫނަށް ލޭޒާ އެޅުވި ކަމަށް ބުނެ ދައުރުވާ ފޮޓޯ

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އިންގްލެންޑަށް ޕެނަލްޓީ ދޭން ނުޖެހޭ ކަމަށް ބުނެ ޑެންމާކުގެ ސަޕޯޓަރުން އަންނަނީ އެ މެޗު އަލުން ކުޅެން ގޮވާލައި އޮންލައިން ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. ޑެންމާކުގެ ގިނަ ސަޕޯޓަރުން ގަބޫލުކުރާ ގޮތުން އިންގްލެންޑުގެ ރަހީމް ސްޓާލިންއަށް އެ ގައުމުގެ ޑިފެންޑަރު ޔޮއަކިމް މީލް ފައުލުކުރި ކަމަށް ނިންމައި ދިން ޕެނަލްޓީއަކީ ސައްހަ ޕެނަލްޓީއެއް ނޫނެވެ. އޭގެ ބަދަލުގައި ސްޓާލިން ޑައިވްކުރީ ކަމަށާއި، އިންގްލެންޑަށް ޕެނަލްޓީ ދޭން މެޗުގެ ރެފުރީ ނިންމީ އެކަށީގެންވާ ވަރަށް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ނުބަލައި ކަމަށްވެސް ވަނީ ހިމަނާފައެވެ.

މި މެޗަށްފަހު ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑުވެސް ވަނީ އެއީ އިންގްލެންޑަށް ދޭން ނުޖެހޭ ޕެނަލްޓީއެއް ކަމަށް ބުނެފައެވެ. އެކަމަކު ސްޓާލިން އާއި އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އެ ޕެނަލްޓީއަކީ އިންސާފުވެރި ޕެނަލްޓީއެއް ކަމަށް ބުނެފައެވެެ.

- ކޮމެންޓް