ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 19:08
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީ
ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުން
ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން
 
ވަކި ގައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވޭ
 
އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރާ
 
ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން

ރާއްޖޭގައި ހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑީއާ ކައުންސިލުން ބުނީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމަޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ، ކަމާ ބެހޭ އެކި ފަރާތްތަކުން މި ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ އެއްވެސް ގައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ގައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން، ޖުމްލަ ގޮތެއްގައި މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދެވަނަ ބާބު (އަސާސީ ހައްގުތަކާއި މިނިވަންކަން)ގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގު ހަމަ ގޮތުގައި ބޭނުން ކުރުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި، އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ޚަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލް އަގުވާމީ މުއާހަދާތަކަށް ވެސް އިހުތިރާމްކުރުމާއެކު، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް