އަހުލު ޕްރޮގްރާމްގެ ދަށުން 19 ޢާއިލާއެއް ރަށަށް ބަދަލުވެއްޖެއެވެ.
އަހުލު ޕްރޮގްރާމަކީ، ކޯވިޑް-19އާ ގުޅިގެން ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކު އަމިއްލަ ރަށަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިހާތަނަށް 27 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭގެތެރެއިން 19 އާއިލާއެއްގެ 64 މީހަކުވަނީ ރަށަށް ބަދަލުވެފައެވެ. 12 އާއިލާއަކަށް އެސްޓަބްލިޝްމެންޓް އެލަވަންސް 3 މަހު ދީފައިވާއިރު 7 އާއިލާއަކަށް މި އެލަވަންސް 6 މަހުވަނީ ދީފައެެވެ. އަދި 7 އާއިލާއަކަށް ލޯނުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ދީފައެވެ.
ރަށަށް ބަދަލުވުމަށް ސަރުކާރުގައި އެދުނު ފަރާތްތަކަށް އަންނަނީ 20،000 ރުފިޔާގެ ލޯނު ދޫކުރަމުންނެވެ. އިންޓަރެސްޓަކާ ނުލާ ދޫކުރާ މި ލޯނު ދައްކާ ޚަލާސްކުރަން ޖެހީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 12 މަސް ދުވަހެވެ. ރި-އެސްޓަބްލިޝް އެލަވަންސްގެ ގޮތުގައި ކޮންމެ އާއިލާއަކަށް 6 މަސްދުވަހަށް 3،000 ރުފިޔާގެ އެލަވަންސެއް ދެއެވެ.
8 އާއިލާއަކަށް ލޯނާއި އެލަވަންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު 10 އާއިލާއަކުން ލޯނަށް އެދުމުގެ ކުރިން ވަނީ ރަށަށް ބަދަލުވެފައެވެ. އެހެންކަމުން އެއާއިލާތަކަށް ދަތުރުކުރުމަށްދޭ އެލަވަންސް ނުދޭން ޖެންޑަރ މިނިސްޓްރީންވަނީ ނިންމާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ އާއިލާތަކުގެ ހާލަތު ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން އަންނަނީ ބަލަމުންނެވެ.