ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރުމާއެކު، ރާއްޖެޓީވީން ގެނަސްދޭ މައިލޯ ޔޫރޯ ފޯރި ޝޯގެ ފައިނަލް މެޗުގެ އެނަލިސްޓުގެ ޖާގަ މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ ކަށަވަރުކޮށްފައެވެ.
މި ފަހަރުގެ ޔޫރޯގެ ގްރޫޕް ޑީގެ އެނަލިސްޓަކަށް މޯހަން ހަމަޖެހުނުއިރު، އިންގްލެންޑަކީ އެ ގްރޫޕްގައި ހިމެނުނު ޓީމެކެވެ. ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި ތަޖުރިބާކާރު ހަ އެނަލިސްޓުން ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ހިމެނޭ މޯހަންއަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ ކޯޗެކެވެ. އޭނާ މިހާރު ކޯޗުކަން ކުރަމުން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގައެވެ. މި ފަހަރުގެ ޔޫރޯގައި އެނަލިސްޓެއްގެ ގޮތުން މޯހަން ހަރަކާތްތެރިވަމުން އަންނައިރު، މީގެ ކުރިންވެސް އޭނާ ވަނީ އެނަލިސްޓެއްގެ ގޮތުގައި ފުޓްބޯޅައިގެ ބޮޑެތި ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ.
މި ފަހަރުގެ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ޑެންމާކް ބަލިކުރުމަށްފަހުއެވެ. އިންގްލެންޑާއެކު ފައިނަލަށް ދަތުރުކުރުމަށްފަހު މޯހަން ވިދާޅުވީ މި މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދިޔުމަކީ ގިނަ ބަޔަކު އުއްމީދުކުރި ކަމެއް ކަމަށެވެ. އަދި ސެމީގެ މެޗު ވެގެންދިޔައީ އިންގްލެންޑަށް މި މުބާރާތުގައި ކުޅެން ޖެހުނު އެންމެ އުނދަގޫ މެޗަށް ކަމަށާއި، ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވަނަ ފަހަރަށް ދިޔުން އެއީ އިންގްލެންޑް ސަޕޯޓަރުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވެސް ވިދާޅުވިއެވެ.
މޯހަން ވިދާޅުވީ އިންގްލެންޑުގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ބަލާފައި މި މުބާރާތް ކާމިޔާބުކުރެވޭ ފެންވަރު އެ ޓީމުގައި އެބަހުރި ކަމަށާއި، އެކަމަކު އިޓަލީއަކީވެސް ވަރުގަދަ ސްކޮޑަކާއެކު ފޯމުގައި އޮތް ޓީމެއް ކަމަށެވެ. ނަމަވެސް ފައިނަލް މެޗަކީ ހަމަހަމަ މެޗަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މޯހަން ވަނީ ރާއްޖެޓީވީން ގެނަސްދޭ މައިލޯ ޔޫރޯ ފޯރި ކަވަރޭޖަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން މޯހަން ވިދާޅުވީ ރާއްޖެޓީވީގެ މުވައްޒަފުން ކަވަރޭޖް ފުރިހަމަކުރުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށާއި، މިއީ އޭނާ ބައިވެރިވި ކަވަރޭޖުތަކުގެ ތެރެއިން އެންމެ ފުރިހަމަ ކަވަރޭޖް ކަމަށެވެ.
ޔޫރޯގެ ފައިނަލް މެޗުގެ އެނަލިސްޓުގެ ޖާގައެއް މޯހަން ހޯދިއިރު، އަނެއް ކޮޅުން ފައިނަލުގައި ވާދަކުރާނީ އިޓަލީއާއެކު ފައިނަލަށް ދަތުރުކުރި އިސްމާޢީލް ޒަރިޔަންދުއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.