ވިކްޓްރީގެ ކޯޗު އަލީ ސުޒޭނާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށާއި އަދި އޭނާއާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ނިއު ރޭޑިއަންޓުން އިސްތިއުފާ ދިނުމަށްފަހު ވިކްޓްރީގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވި އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފިއެވެ.
ނިއު ރޭޑިއަންޓަށްފަހު ވިކްޓްރީގެ އެސިސްޓެންޓް ކޯޗުކަމާއި ހަވާލުވި ސަމްޕަތު ބުނީ އޭނާއަކީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައިވެސް ސުޒޭނުއާ އެކު ތިން އަހަރު މަސައްކަތްކޮށް އަދި އެކުގައި ގައުމީ ޓީމަށްވެސް އިރުޝާދު ދިނުމުގައި މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. އެހެން ކަމުން ސުޒޭނުއާ އެކު މަސައްކަތް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ސަމްޕަތު ބުންޏެވެ.
މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ނިއުއަށް ކުޅުނު ސަމްޕަތު ވަނީ މިދިޔަ ސީޒަނުގައި ނިއުގެ ކޯޗުގެ މަގާމުގައި ހުރި ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އެމަގާމުން ވަކިކުރުމާ އެކު ސީޒަން ނިމެންދެން ވަގުތީ ކޯޗެއްގެ ގޮތުން ޓީމަށް އިރުޝާދު ދީފަ އެވެ.
ސަމްޕަތު ބުނީ ވިކްޓްރީ ކަހަލަ ޓީމެއްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެގޮތުން އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ހޭދަކުރި މުއްދަތުގައި ލިބިފައި ހުރި ތަޖުރިބާއެއްގެ ބޭނުންކޮށް ފަރިތަކުރުންތަކުގައާއި މެޗުތަކުގައި ކުޅުންތެރިންނަށް ބުނެދެމުންދާނެ ކަމަށެވެ.
ވިހި އަހަރު ފުޓުބޯޅަ ކުޅުމުގައި ހޭދަކޮށްފައިވާ އަދި މިހާރުވެސް ކޯޗިން ލެވެލްގައި މަސައްކަތް ކުރަމުން އަންނަ ސަމްޕަތު ބުނީ މިހާރު ވިކްޓްރީގައި އޮތް ސްކޮޑަށް ބަލާއިރު އެހެން ކްލަބުތަކާ އަޅާބަލާއިރު ވަރަށް ވަރުގަދަ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެހެން ކަމުން ލީގުގެ ދެވަނަ ބުރާއެކު ރަނގަޅު ހިސާބަކަށް ޓީމު ގެންގޮސްދިނުމަށް ބުރަ މަސައްކަތެއް ކުރާނެ ކަމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ނިއުގެ އިތުރުން ސަމްޕަތު ވަނީ ލެގޫންސާއި ވިކްޓަރީ އާއި އައިއެފްސީ އާއި ވެލެންސިއާ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ.