އަންނަ އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑުގެ ވެރިރަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލާލަން ދަނޑަށް އައުމުގެ ދައުވަތު ޔުއޭފާގެ ފަރާތުން ވަރަށް ޚާއްސަ މެހުމާނުންތަކަކަށް ދީފިއެވެ. ޔުއޭފާއަކީ ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ ސަރަހައްދީ ޖަމިއްޔާއެވެ. ޔޫރޯ މުބާރާތުގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސްފަރާތަކީ ވެސް ޔުއޭފާއެވެ. އެ ޖަމިއްޔާގެ ފަރާތުން ފައިނަލް މެޗަށް ދައުވަތުދިން ޚާއްސަ މެހުމާނުންނަކީ މި މުބާރާތުގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާގުގައި ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ޑެންމާކުގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަނާއި ދަނޑުމަތީގައި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެހީތެރިވި މެޑިކަލް ޓީމުގެ މީހުންނެވެ.
ޔުއޭފާއިން ބުނެފައިވަނީ ދައުވަތު ދެވުނު 8 މީހުންނަކީ އެރިކްސަނާއި އޭނާގެ އަންހެނުން އަދި މެޑިކަލް ޓީމުގައި ހިމެނުނު ހަ މީހުން ކަމުގައެވެ. މި ދައުވަތު ގަބޫލުކޮށްގެން ފައިނަލް މެޗު ބަލަން ދާނެކަން ނުވަތަ ނޫންކަން އެރިކްސަންގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމަކު މެޑިކަލް ޓީމުގެ މެމްބަރަކު ބުނީ ޔުއޭފާގެ ރައީސް އެލްގްޒާންޑަރ ކެފެރިންގެ ފަރާތުން ވީއައިޕީ ދައުވަތެއް ލިބުމަކީ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށާއި ކޮންމެ ގޮތެއް ހަދާފައިވެސް ވެމްބްލީއަށް ދާނެ ކަމުގައެވެ.
ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމުގައި އެރިކްސަންގެ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ހާދިސާ ޓީވީ މެދުވެރިކޮށް ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ވަގުތުން ދިޔައީ ބަލަމުންނެވެ. އޭނާއަށް ދަނޑުމަތީގައި ފަރުވާދީ ހިތް އަލުން ހިނގައިގަތުމަށް މަގުފަހިކޮށްދިން ޓީމުގެ މަސައްކަތް ކުރިއަށް ދިޔައިރު ކުޅުންތެރިން ތިބީ އެޓީމު ވަށާލައިގެންނެވެ. ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު ހަސްފަތާލަށް ގެންގޮސް އެތަނުގައި ހަފުތާއެއްހާ ދުވަހު ބޭއްވުމަށްފަހު މިހާރު އެރިކްސަން ވަނީ ގެޔަށް ދޫކޮށްލައިފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ހައިރާންކަމާއި ސިހުމުގައި ޑެންމާކު އެދުވަހުގެ މެޗުގައި ފިންލެންޑު އަތުން ބަލިވިއެވެ. ޖެހިގެން އައި މެޗުން ބެލްޖިއަމް އަތުންވެސް ބަލިވިއެވެ. އެކަމަކު ދެން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މިހާރު އެއޮތީ ސެމީ ފައިނަލުގައެވެ. މިރޭ އިންގްލެންޑާ ދެކޮޅަށް ވެމްބްލީގައި އެކުޅެނީ ޑެންމާކެވެ.
ދަނޑުމަތީގައި އެރިކްސަނަށް ފަރުވާދިން ހަ މީހުންގެ ޓީމުގައި ހިމެނުނު ޕެޑާ އެސްގާޑް ބުނެފައިވަނީ އެރިކްސަންގެ ހާދިސާއަކީ މުޅި ޑެންމާކް އެކަތިގަޑަކަށް ހަދައިދިން ހާދިސާއެއް ކަމަށާއި އޭނާގެ އެދުމަކީ ނުވަތަ އުއްމީދަކީ ފައިނަލްގައި އިޓަލީއާ ވާދަކުރާ ޓީމަކަށް ޑެންމާކު ވެގެން ދިޔުން ކަމަށެވެ. އަދި މި ހިތްވަރާއި ފޯރީ ދަމަހައްޓައި ތަށިވެސް ޑެންމާކަށް ލިބުން ކަމުގައެވެ. ޑެންމާކަށް ޔޫރަޕުގެ ތަށި މިހާތަނަށް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1992 ގައެވެ. އެރިކްސަން ވެސް ގެންދަނީ ގޭގައި ހުރެގެން މެޗުގެ ކުރިންނާއި މެޗުގެ ފަހުންވެސް ކުޅުންތެރިންނަށް ހިތްވަރު ދެމުންނެވެ.
ފައިނަލް މެޗު ބަލަން ވެމްބްލީއަށް ދިޔުމާމެދު އެރިކްސަންގެ ފަރާތުން އަދި އެއްޗެއް ބުނެފައި ނުވިޔަސް ބައެއް މީހުން ދަނީ މިކަމާމެދު ޚިޔާލު ފާޅުކުރަމުންނެވެ. ސެމީފައިނަލުގައި އިންގްލެންޑު ބަލިކޮށް ޑެންމާކު މޮޅުވެއްޖެނަމަ ފައިނަލް މެޗު ބަލަން ގޮސްތިބެ އިންގްލެންޑުގެ ސަޕޯޓަރުން އެރިކަސަނާވެސް ދިމާކޮށް ފުރައްސާރަކޮށްފާނޭ ކަމަށް ބައެއް މީހުން ވަނީ ލަފާކޮށްފައެވެ. އަނެއްބަޔަކު ބުނަނީ ފައިނަލްގެ އެއްކޮޅުން ޑެންމާކު ވާދަކުރާނަމަ އެރިކްސަން ދަނޑަށް ދިޔުން ބުއްދިވެރި ނުވާނޭ ކަމަށާއި ކަންބޮޑުވެ ފިކުރުބޮޑުވާން މެދުވެރިވާ ހުރިހާ ހާލަތްތަކާ ދުރުގައި ހުރުމަށް އޭނާ އިސްކަން ދޭން ޖެހޭނެ ކަމުގައެވެ.