ކ. މާލެ
|
7 ޖުލައި 2021 | ބުދަ 16:31
ޔޫރޯ 2020 - އިންގްލެންޑާއި ޑެންމާކުގެ ކުރިމަތިލުން
ޔޫރޯ 2020 - އިންގްލެންޑާއި ޑެންމާކުގެ ކުރިމަތިލުން
ރާއްޖެއެމްވީ
ޔޫރޯ 2020
ސެމީ ފައިނަލް - އިންގްލެންޑާއި ޑެންމާކުގެ ކުރިމަތިލުން
ސެމީގެ ޖާގައެއް ޑެންމާކުން ހޯދީ ކުއާޓާގައި ޗެކް ރިޕަބްލިކް ބަލިކޮށްގެން
ސެމީއަށް އިންގްލެންޑް ދަތުރުކުރީ ކުއާޓާގައި ޔޫކްރޭން ބަލިކުރުމަށްފަހު

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާއިރު، މިއީ އެތައް ގޮތަކުންވެސް މި ދެ ޓީމަށް ހާއްސަ މެޗެކެވެ. އިންގްލެންޑަށް މިހާތަނަށް މި މުބާރާތް ކާމިޔާބުކުރެވިފައިނުވާއިރު، ޑެންމާކުން ވަނީ 1992 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

"އިޓްސް ކަމިން ހޯމް" އޭ ކިޔާލަ ކިޔާލަ އިންގްލެންޑުގެ ސަޕޯޓަރުން ތިބޭއިރު، އެ ޓީމުން އެންމެ ފަހުން ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރީ 1996 ވަނަ އަހަރުގައެވެ. އެހެންކަމުން މި މެޗުން މޮޅުވެ އަލުން ފައިނަލެއް ކުޅުމުގެ ފުރުސަތު އިންގްލެންޑަށް އެބައޮތެވެ. އަނެއްކޮޅުން ޑެންމާކުން މި މެޗަށް ނުކުންނަނީ 1992 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

މި އަހަރުގެ މުބާރާތުގައި ޑެންމާކުން އެންމެ އަޑު ގަދަ ނަމަކަށް ވެފައިވަނީ ކްރިސްޓަން އެރިކްސަންގެ ނަމެވެ. މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އެރިކްސަން ހޭނިތިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭގެ ސަބަބުން އެ ޓީމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލުކުރެވުނެވެ. އެކަމަކު އެއާ ޚިލާފަށް މިހާތަނަށް މި މުބާރާތުގައި ޑެންމާކުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މުބާރާތް ޑެންމާކުން ކާމިޔާބު ކޮށްފިނަމަ އެ ޓީމުން މި މުބާރާތް ހާއްސަ ކުރާނީ އެރިކްސަންއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާއިރު، ސެމީއަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ކުއާޓާގެ މެޗުގައި ފަސޭހަކަމާއެކު ޔޫކްރޭން 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަނެއްކޮޅުން މި މުބާރާތުގެ ސެމީގެ ޖާގައެއް ޑެންމާކުން ކަށަވަރުކުރީ ކުއާޓާގެ މެޗުގައި ޗެކް ރިޕަބްލިކް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓުގެ ބަސް:

ޑެންމާކް މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މެޗަށް އިންގްލެންޑުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، އަދި އިންގްލެންޑަށް ދިމާވި ލަނޑު ނުޖެހުމުގެ މައްސަލަ އެންމެ ފަހުން ކުއާޓާގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ހައްލުވެފައިވާ ކަމަށެވެ. ޑެންމާކާ ބެހޭ ގޮތުން ސައުތުގޭޓް ބުނީ އެ ޓީމަކީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅޭ ޓީމެއް ކަމަށާއި، އަނެއްކޮޅުން އެޓޭކިންގައި ނުރައްކާ ޓީމެއްކަންވެސް ނޮކްއައުޓް ސްޓޭޖުގައި ޖެހި 10 ލަނޑުންވެސް އެނގޭ ކަމަށެވެ.

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑުގެ ބަސް:

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ މި މެޗަކީ ޑެންމާކުން ތާރީޚު އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި މެޗުން މޮޅުވާން އިންގްލެންޑުގެ ބަލި ފައިތަށް ބަލާފައިވާ ކަމަށާއި، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފިނަމަ އިންގްލެންޑަކީ ބަލިކުރެވޭނެ ޓީމެއް ކަމަށްވެސް ހިލްމަންޑް ބުންޏެވެ.

މި މެޗު ބަލާނީ ކިހިނެއް:

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 22:30 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އާއި މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

- ކޮމެންޓް