މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލަށް ޔޫތު މިނިސްޓްރީ ދަތުރުކުރީ ހޯމަ ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލްގައި ކަސްޓަމްސް ސާވިސްއާ ވާދަކޮށް ތިން ސެޓު އެއް ސެޓުން މެޗުން ކާމިޔާބު ކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު މޮޅު ކުޅުމަކަށްފަހު ކާމިޔާބުކުރީ ޔޫތު މިނިސްޓްރީންނެވެ. މި ސެޓުތައް އެޓީމުން ކާމިޔާބުކުރީ 25-09، 25-14 އިންނެވެ. އެހެން ނަމަވެސް ކަސްޓަމްސް އިން ވަނީ ވާދަވެރި ކުޅުމަކާއެކު ތިންވަނަ ސެޓު 25-21 އިން ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ފަހު ސެޓުގައިވެސް ކަސްޓަމްސް އިން ލީޑު ނަގައިގެން ކުޅުނު ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ މޮޅު ކުޅުމަކާއެކު 25-14 އިން މި ސެޓު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު މިނިސްޓްރީގެ އައިޝަތު ނާޒިމާއެވެ.
މި ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރޭ 8:30 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ސާވިސް އެވެ.