މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގދ.ތިނަދޫ އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖު ފަހު މެޗުން ގދ.ގައްދޫއާ ވާދަކޮށް ތިނަދޫ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
ތިނަދޫ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަފްރާދް އެވެ. މި ލަނޑަށްފަހުވެސް ތިނަދޫ އިން ދިޔައީ ގައްދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން 22 ވަނަ މިނެޓުގައި ތިނަދޫ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޝަފްރާދް އެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގައްދޫގެ ހުސެއިން ނިހާދު ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ގައްދޫގެ މައްޗަށް ތިނަދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނައިތުރަތަކެއް ނުވަނީސް ތިނަދޫ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ޝަފްރާދް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ގައްދޫ އިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާތިފް އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ތިނަދޫ ވަނީ ނުވަ ޕޮއިންޓާއެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލުގައި ތިނަދޫއާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ނިމުމުންނެވެ.