ފޮށީގައި ބަންދުކޮށްފައިވާ ލޮނުމަސް ޝިޕްމެންޓެއްގެ ގޮތުގައި މިޔަރު އުރަހަތަކެއް، ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާތައް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިިއެވެ.
ދައުވާ ކުރަން ފޮނުވާފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲއާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙުމަދު މުޙައްމަދުގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ވެސް ކުރަން ފޮނުވާފައިވަނީ ތިން ދައުވާ އެކެވެ. އެއީ:
1. ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ ޤާނޫނުގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުން.
2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 313 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އޮޅުވާލުމުގެ ޢަމަލެއްކުރުން.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން.
މި ޝިޕްމަންޓު އަތުލައިގެންފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންނެވެ. މި ފަހަކަށް އައިސް، ގަވައިދާ ޚިލާފަށް މިޔަރު މަސްވެރިކަން ކުރުމާއި، މިޔަރުމަހާއި އުރަހަ ޕްރޮސެސް ކުރުން، ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާ ގުޅިގެން ފިޝަރީސް މިނިސްޓްރީން ބުނީ ވަގަށް މިޔަރުގެ މަސްވެރިކަންކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާކަމަށެވެ.
މިޔަރު ބޭނުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓުކުރުމުގެ ކަޅު ބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުން ދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ޚާއްސަކޮށް މިޔަރުގެ މަސްވެރިކަން ކުރާ ކަމަށް ބެލެވޭ ސަރަހައްދުތައް ޕެޓްރޯލް ކުރުން، ފުލުހުންނާއި ކޯސްޓްގާޑު ސިފައިންގެ ފަރާތުން ވަރުގަދަ ކޮށްފައި ވާކަމަށެވެ.