ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 14:25
ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރީ: އުމުރު ހަމަނުވާތީ ޑްރައިވިން ލައިސަންސް ވެސް އަދި ލިބިފައިނުވާ ކުޅުންތެރިއެއް
ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރީ: އުމުރު ހަމަނުވާތީ ޑްރައިވިން ލައިސަންސް ވެސް އަދި ލިބިފައިނުވާ ކުޅުންތެރިއެއް
ގެޓީއިމޭޖަސް
ސްޕެއިނުގެ ޕެޑްރީ ގޮންޒާލެޒް ލޯޕެޒް
ސްޕެއިނުގެ ތަރިޔަކީ ޑްރައިވިން ލައިސަންސް ވެސް އަދި ނުލިބޭ ކުޑަކުއްޖެއް
 
އަމިއްލަޔަށް ކާރު ނުދުއްވޭތީ ދަތުރުކުރަނީ އާދައިގެ ޓެކްސީތަކުގައި
 
ޔޫރޯގައި ސްޕެއިން ކުޅުނު ފަސް މެޗުގައިވެސް ފުލްކޮށް ޕެޑްރީ ވަނީ ކުޅެފައި
 
ގައުމީ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ މިއަހަރުގެ މާރޗު މަހު

ސްޕެއިނުގެ ގައުމީ ޓީމުގެ މެދުތެރެޔަށް ކުޅެމުން އަންނަ ޕެޑްރޯ ގޮންޒާލެޒް ލޯޕެޒް ދަންނަން ހެއްޔެވެ. ޔޫރޯގައި ސްޕޭނުގެ 26 ނަމްބަރު ޖޯޒީގައި ކުޅެމުން އަންނަ މި ކުޅުންތެރިޔާގެ ބުރަކަށީގައި ލިޔެފައި އޮންނަނީ އޭނާގެ އަސްލު ނަމެއް ނޫނެވެ. ޕެޑްރީއަކީ އޭނާގެ ވަނަމެވެ. މި ކުޅުންތެރިޔާ ވަނީ ޔޫރޯގައި އައު ރިކޯޑެއް ގާއިމުކޮށްފައެވެ. ފަހަރުގައި ޖުލައި އެގާރަ ވަނަ ދުވަހު ކުޅޭ ފައިނަލް މެޗަށްފަހު އޭނާގެ ރިކޯޑް ލިސްޓު ދިގުވެގެންވެސް ހިނގައިދާނެއެވެ.

ޕެޑްރީގެ އުމުރަކީ އެންމެ 18 އަހަރެވެ. އެކަމަކު ޔޫރޯގައި މިފަހަރު ސްޕޭނު ކުޅުނު ހުރިހާ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ވަނީ ފުލްކޮށް ކުޅެފައެވެ. ޕެޑްރީ ހިމެނިފައިވަނީ ޔޫރޯގައި މިހާތަނަށް ކުޅުނު ސްޕޭނުގެ އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ. ޔޫރޯގެ މުޅި ތާރީޚުގައިވެސް ނޮކައުޓް ބުރުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ވަނީ ލިބިފައެވެ. މިހުރިހާ ރިކޯޑަކާއި ޝަރަފެއް ޕެޑްރީއަށް ލިބުނު އިރު ސްޕެއިނުގެ ގައުމީ ޓީމުގައި އޭނާ އެންމެ ފުރަތަމަ ހިމެނުނީވެސް މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ސްޕެއިނުގެ ގައުމީ ޖޯޒީގައި އޭނާ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހު ގްރީސާ ދެކޮޅަށެވެ.

ސްޕޭނަކީ މޮޅު ކުޅުންތެރިން ގިނަ ގައުމެކެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯއަށް އުމުރުން ކިރިޔާ 18 އަހަރުވީ ކުޅުންތެރިޔަކު ޓީމުގައި ހިމެނުމުން ކޯޗު ލުއިސް އެންރީކޭ ހުރީ މޮޔަވެފައިތޯ ބައެއް މީހުން ސުވާލު ކުރިއެވެ. ޚާއްސަކޮށް ފަހުގެ ތާރީޚެއްގައި ބޮޑު މުބާރާތަކަށް ސްޕެއިނުން ނެރުނު ޓީމެއްގައި މަޝްހޫރު ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ނުހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑްގެ އަގުބޮޑު ވިދުންގަދަ ތަރިއަކު ނުހިމަނައި ބައިނަލްއަގުވާމީ އެއްވެސް ތަޖުރިބާއެއް ނެތް އުމުރުން 18 އަހަރުވީ ޅަޒުވާން ނޯޖަވާނަކު ޓީމަށް ނެގުމުން މެޑްރިޑުގެ ނޫސްތަކުން ކޯޗު އެންރީކޭގެ ގާބިލްކަމާމެދު ސުވާލުވެސް އުފެއްދިއެވެ. މިހުރިހާ ސުވާލުތަކަށް ޕެޑްރީ ވަނީ ދަނޑުމަތީގައި ނިކަން ހުޝިޔާރުކަމާއެކު ޖަވާބުދީފައެވެ.

ޔޫރޯގައި މިހާތަނަށް ސްޕޭނު ކުޅުނު ފަސް މެޗުގައިވެސް އެންމެ މޮޅަށް ކުޅެފައިވަނީ ޕެޑްރީއެވެ. އެންމެ ގިނަ ޕާސްދީ އެންމެ ބުރަކޮށް މަސައްކަތްކޮށް އެންމެ އުފެއްދުންތެރި ކުޅުމެއް ކުޅެފައިވަނީ އޭނާއެވެ. މިއީ އޭނާގެ ފުރަތަމަ މުބާރާތޭ މީހަކު ހިތަށްވެސް ނާރާވަރުގެ ކުޅުމެއް ވަނީ ކުޅެފައެވެ. މުޅި މުބާރާތުގައި ވާދަކުރި ހުރިހާ ޓީމަކަށް ނިސްބަތްކުރާއިރުވެސް އެންމެ މޮޅު ކުޅުމެއް ކުޅެފައިވާ އެއް ކުޅުންތެރިޔަކީ ޕެޑްރީއެވެ.

އޭނާ ގިނަ ބަޔަކަށް ފެންނަނީ އުމުރަށްވުރެ މާދޮށީ އަދި މާތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމުރު ހަމަނުވާތީ އަދި ޑްރައިވިން ލައިސަންސް ވެސް ނުލިބޭ ޅަކުއްޖެއްކަމެއް ގިނަބަޔަކަށް ނޭނގެއެވެ. މިލިޔަނަރަކަށް ވިޔަސް ތިމަންނާ މިއީ މިލިއަނަރެއްކަން މޭރުންވެސް ނުވާ ޅަކުއްޖެއްކަން ސްޕޭނުގެ ގިނަ ސަޕޯޓަރުންނަކަށްވެސް ނޭގެއެވެ.

ބާސެލޯނާގެ ސީނިއަރ ޓީމުގައި ހިމެނިގެން ސްޕޭނުގެ ލީގުގައި ބާސެލޯނާ ކުޅުނު ހުރިހާ މެޗެއްގައި ޕެޑްރީ ވަނީ ހުސްވި ސީޒަނުގައި ކުޅެފައެވެ. ކޯޗު އެންރީކޭގެ ލޮލުގައި ޕެޑްރީ އަޅައިގަތީ ހުސްވި ސީޒަނުގައި ބާސެލޯނާއަށް އޭނާ ކުޅުނު މޮޅު ކުޅުން ފެނިފައެވެ. ދަނޑުމަތީގައި ކިތަންމެ މޮޅަށް ކުޅުނަކަސް ދަނޑުން ބޭރުގައި އެއީ ކުޑަކުއްޖެކެވެ. ޕްރެކްޓިހަށް އަންނަނީ ޓެކްސީގައެވެ. އެނބުރި ދަނީވެސް ޓެކްސީގައެވެ. ހެދުން އަޅަނީ ކޮތަޅަކަށެވެ.

ފޮނިދެއްކުމެއް ފޮނި ކެނޑުމެއް އަމްދަކުން ނޯވެއެވެ. އަމިއްލަ ކާރެއްގައި ދަތުރުނުކޮށް އާދައިގެ ޓެކްސީގައި މިވަރުގެ ކުޅުންތެރިޔަކު ދަތުރުކުރާކަން ބާސެލޯނާގެ ސަޕޯޓަރުންނަށް އެނގިގެން އެމީހުންވެސް ތިބީ ހައިރާންވެފައެވެ. ޕެޑްރީގެ ސާދާ އުޅުމުގެ ސަބަބުން ގިނަ ބަޔަކު އޭނާ އެއްގޮތް ކުރަނީ ބާސެލޯނާގެ ކުރީގެ ބަތޮލުންކަމުގައިވި ޒަވީ އާއި އިނިއެސްޓާއާއެވެ.

ޕެޑްރީ ކަހަލަ ކުޅުންތެރިޔަކު ތައާރަފުވަނީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރުއެވެ. ގިނަފަހަރު އެކަހަލަ ކުޅުންތެރިން ފުރޭނިގެން އަންނަނީވެސް ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ޔޫތު ސިސްޓަމުގެ ތެރެއިންނެވެ. އެކަމަކު ޕެޑްރީ ތަފާތެވެ. އެޓްލާންޓިކް ކަނޑުގައިވާ ކެނެރީ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއަކަށް އުފަން މިކުޅުންތެރިޔާ ފުރޭނިގެން އައީ ޔުވެންޓުޑް ލަގޫނާ އާއި ލަސް ޕާމާސްގެ ޔޫތު ޕްރޮގްރާމުގެ ތެރެއިންނެވެ.

އޭނާގެ މޮޅުކަން ފެނިފައި އެކަން ރެއާލް މެޑްރިޑުގެ ސަމާލުކަމަށް ބައެއް އޭޖެންޓުން ގެނައެވެ. ރެއާލްގެ ތަމްރީނު މަރުކަޒެއްގައި ދެ ދުވަހަކު އަޖުމަ ބަލައިލުންވެސް އޮތެވެ. އެކަމަކު ރެއާލް މެޑްރިޑަށް ކަމުދާ ކުޅުންތެރިޔަކަށް ނުވިއެވެ. ދެވަނަ ފުރުސަތު ލިބުނީ ބާސެލޯނާއަށެވެ. ބާސެލޯނާއަށް މި ކުޅުންތެރިޔާގެ ހުނަރުވެރިކަން ފެނުމާއެކު ފަސް މިލިޔަން ޔޫރޯގެ އަގެއް ލަސް ޕާމާސްއަށް ދީފައި ޕެޑްރީގެ ސޮއި ބާސެލޯނާއިން ވަނީ އަތުލައިފައެވެ. އޭގެފަހުން ކަންވީގޮތާއި ޕެޑްރީގެ ކުރިއެރުން އެއޮތީ ފެންނާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
19%
81%
0%
0%
0%
0%
ކޮމެންޓް