ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުން ސާފުވެފައިވާ ކަމަކީ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށް ކުރެވިފައިވާ މަސައްކަތް މަދުކަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި، ތަހުގީގު ކުރިޔަށްދާ ގޮތާމެދު ހިތްހަމަޖެހޭތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަހުގީގާ ގުޅޭ ސީދާ މައުލޫމާތު ލިބިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުންނާއި މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ދެން މިހާތަނަށް ސާފުވެފައި އޮތް މައުލޫމާތަކީ ޚަރަދުކުރި މީހުން ހޯދުމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހިންގިފައި ހުރިލެއް މަދުކަމަށް. އަދި ލިބިފައި އޮތް ކުރިއެރުން ވެސް ކުޑަކަމަށް.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނަށް އިންސާފުލިބޭނެކަމަށް ގަބޫލުކުރައްވަންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން ދިޔައީ ޝަރުޢީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށްކަމަށެވެ. އަދި ފުލުހުންގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެނެވިފައިވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މިސްރާބު ޖަހާފައި މިވަނީ އިންސާފު ލިބޭނެ ގޮތްގޮތަށް ކަމަށް ވިދާޅުވިއެވެ.
ދެން އަޅުގަނޑު ދެކެނީ މިކަންކަން މިސްރާބު ޖަހަނީ އިންސާފު ލިބޭނެ ގޮތްގޮތަށްކަމަށް. އިންސާފު ލިބޭނެކަމަށް ދެކެނީ. ކޮން ދުވަހަކުން ކަމެއް ނޭނގޭ. އެކަމަކު އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓައެއް ނުލާނަން.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ފުލުހުން ހިންގާ ތަހުގީގެއްގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަމަށެވެ. މިކަމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިޔަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ބޮމެއް ގޮއްވާލަން އުޅޭކަމަކަށާއި އެފަދަ ކަމެއް ކޮށްފާނެކަމަށް ހުދު އެމަނިކުފާނު ވެސް ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިވަނީ ބޮމެއް ގޮއްވާލާފައިކަމަށާއި އެހެންކަމުން ދެން ކުރެވެން އޮތްކަމަކީ މިކަމުގައި ބައިވެރިވާ އެންމެން ވީހާވެސް އަވަހަށް ހިފައި ހައްޔަރުކުރުންކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެކަމާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކުގެ ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަރިހުގައި ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާއި އެހެނިހެން ސަރުކާރުތަކުގެ ވެސް އެހީތެރިކަން ހޯދަމުން ގެންދާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހަމަލާ ރޭވި މީހުންނާއި ޚަރަދު ކުރި މީހުން ނުހޯދޭނަމަ އެއޮތީ މިކަން ނުވެފައި ކަމަށެވެ.
އަޅުގަނޑު ވެސް ސަރުކާރެއް ހިންގާފައި ހުރީމާ އަޅުގަނޑަށް އެނގޭ ކޮން ބާވަތެއްގެ ކަމެއްކަން އެމީހުން ކުރާނީ. އަޅުގަނޑު ސީޕީ ކައިރީގައި ދަންނަވާފައިވާނެ މިއަށް ވުރެ މާބޮޑަށް އެހީތެރިވާ ޓެކްނިކަލް އެހީތެރިކަން އެބަ ބޭނުންވޭ ތަހުގީގަށް. ކޮމިޝަނަރ އަރިހުގައި ދަންނަވާފައިވާނެ އެކަން ކުރިޔަށް ގެންދިޔުމަށް ސަރުކާރުގައި ދެންނެވުމަށް. ދެން ފަހަކުން ކޮމިޝަނަރ އެކަމާ އެއްޗެއް ވިދާޅެއްނުވޭ. އަޅުގަނޑު ދެކެނީ ރޭވި މީހުން އަދި ޚަރަދުކުރި މީހުން ހޯދޭނެކަމަށް. ނުހޯދޭނަމަ އަޅުގަނޑު ދަންނަވާނީ އެއޮތީ އެކަން ނުވެޔޭ.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ހަމަލާގެ ތަހުގީގުގެ ކަންކަން ކުރިޔަށްދާ ގޮތާ ގުޅޭގޮތުން ސީޕީ އާއި ޑިފެންސް މިނިސްޓަރަށް އިތުބާރު ކުރައްވަންތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާކަށް ނެތިންކަމަށެވެ. އަދި ސީޕީއާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެވޭނީ ތަހުގީގު ނިމުނީމާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ގިނަ ގައުމުތަކުގައި އޮންނަ ގޮތަށް ސެންޓްރަލް ސެކިޔުރިޓީ އެޖެންސީއެއް އޮންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އެއީ މި ހާދިސާއަށް ބަލާއިރު ވެސް ބޮން ގޮއްވުމާ ގުޅޭ އިންޓެލް މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަމަށް ބުނެފައިވާއިރު ހަމަލާއާ ގުޅުންހުރި އެކަކީ ފުލުހުންގެ ވަޒީފާގައި ކުރިން ހުރި މީހެއްކަމަށް ވިދާޅުވިއެވެ.
މިސާލަކަށް ބޮން ގޮއްވުމުގެ ހާދިސާގައި ފުލުސް އޮފީހުން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެބޭފުޅުންނަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް. އެހެންނަމަވެސް ފަހުން މި އިނގުނީ ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކީ ފުލުހުންގެ ވަޒީފާއެއްގައި އޭގެ ހަމަސް ދުވަސްކުރިން އުޅޭފައިވާ މީހެއް. އަޅުގަނޑު ވާނެ ބުނެފައި އަޅުގަނޑަށް ފުލުން ފާރަލާކަމަށް. ބުނެފައި އޮއްވާ ބޮން ގޮއްވާލުމުގައި ބައިވެރިވި މީހާ ހުރީ ފުލުހުންގެ ވަޒީފާގައި. ދެން މިހާރު އޭނާ ފުލުހުންގެ ވަޒީފާގައި ނެތް ކަމެއް އަދި މުޅި އަކުން ސާފެއްނުވޭ، އެނގިފައެއްނުވޭ ކިހިނެއްތޯ އެ މީހަކު ވަކިވާއިރު އެ މައުލޫމާތު ހުންނާނީ. އިންކުއަރީ ކޮމިޝަންގެ ރިޕޯޓްގައި އެފަދަ މައުލޫމާތު އޮންނާނެކަމަށް ބެލެވެނީ.ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު ވަނީ މި ހަމަލާއަކީ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ވަކިން ޚާއްސަކޮށް ޑިފެންސް މިނިސްޓަރާ ގުޅުވާ ދެކެވޭ ވާހަކަތަކާ ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ހަމަލާއަކީ އެފަދަ ގޮތަކަށް ދެވުނު ހަމަލާއެއްކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
ޑިފެންސް މިނިސްޓަރު ވެސް އެހެން މިނިސްޓަރަކު ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އެމަނިކުފާނަށް ގެއްލުމެއްދޭން އުޅުއްވާނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އަރުވަމުން ގެންދިޔަ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެ އިންކުއަރީގެ މަސައްކަތް މި މަހުގެ 8 ވަނަ ދުވަހު ނިމޭނެކަމަށް ކޮމިޓީގެ މުގައްރިރު ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން ކުރިޔަށްގެންދާ ތަހުގީގު މި މަސްތެރޭގައި ނިމޭނެކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.