ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 08:22
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު ގެންގުޅުއްވާ ފިކުރު
"ބޮޑުވަޒީރުކަމަށް ވެސް އެދޭނަން، ނިޒާމު ބަދަލުކުރުމުގައި ރައީސް ޔާމީން އެހީވެދޭނެ"
 
ބަރުލަމާނީ ނިޒާމަށް ޕީޕީއެމް ތާއީދުކުރާނެ ކަމަށް ވިދާޅުވި
 
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމުގައި ރައީސް ސާލިހަކީ ހުރަހެއް ނޫންކަމަށް ވިދާޅުވި
 
ނިޒާމު ބަދަލުކުރަން ޖެހެނީ މައްސަލަތަކަށް ހައްލު ގެނައުމަށް އޮތް ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ކަމާއި އެމަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމީ މިހާރު އޮޅިފައި އޮންނަ ކަމެއް ނޫނެވެ. އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައިވެސް ދަންނަވާފައެވެ. އެކަމަށް ރައީސް ސާލިހު މިހާތަނަށް ދެއްވި ޖަވާބަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ރައްޔިތުން ކަމަށެވެ. އެއީ 2008 ވަނަ އަހަރު އެކުލަވާލެވުނު މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމު ހިމެނުމަށް އަމަލުކުރި ފަދައިންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މިއަހަރުގެ ދެވަނަ ދައުރު މިހަފުތާގައި ނިމޭއިރު މަޖިލީހުގެ ރައީސަށް މިވަނީ "އާސްކް ސްޕީކާރ" ޕްރޮގްރާމްގައި ބަރުލަމާނީ ނިޒާމާއި 2023 ގައި އޮންނަ އިންތިޚާބެއްގައި އެމަނިކުފާނު ކަންތައް ކުރައްވާނެ ގޮތަކާއި ގުޅޭގޮތުން އާންމުންގެ ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އެންމެ ގިނަ ސުވާލު އަމާޒުވެގެންދިޔަ މައުޟޫއަކަށް މިމައުޟޫވާއިރު ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަ ދައްކަވާފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ރައީސް ނަޝީދު ދެކޮޅެއް ނުހައްދަވައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހެނީ މިހާރު ރާއްޖޭގައި ހައްލުނުވެ ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް އޮތް ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށްވުމެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުން އެއީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.

ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން އެބަޖެހޭ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަޅުގަނޑުމެން އެބަ ނަގަން ޖެހެއޭ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ހިންގުން ދެން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި، އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރިކަމެއް. ބޮޑުވަޒީރަކު ހުރެ އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހަށް ތާއަބަދު ޒިންމާދާރުވެ ތިއްބަވައިގެން ސަރުކާރު ހިންގައިގެން ރައްޔިތުންނަށް ވާ ފައިދާ ބޮޑުވާނެ ކަމަށް ދެކެނީ. އަދި ތަރައްގީގެ ދުވެލިވެސް މާ ހަލުވި ވާނެކަމަށް ދެކެނީ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
އާސްކް ސްޕީކާރގެ 3 ވަނަ ޕްރޮގްރާމްގެ ތެރެއިން - މަޖިލިސް

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އުންމީދުކުރި ފަދައިން ކަންކަން ނުވުމުގައި ނިޒާމުގެ މައްސަލަ އުޅޭކަމަށެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ސާލިހަކީ ހުރަހެއް ނޫން:

ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް މާބޮޑު ހުރަސްތަކެއް ނެތެވެ. ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ސީދާ ގޮތަކަށް މިހާތަނަށް އައިއިރު އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައެއްނުވެއެވެ. ތާއީދު ކުރައްވާކަމަށް ވިދާޅުވެފައި ނުވާއިރު އެނިޒާމަށް ތާއީދު ނުކުރައްވާކަމަށްވެސް އަދި ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމެއްގައި ރައީސް ސާލިހު ފާޅުގައި ދެކޮޅެއް ނުވެސް ހައްދަވާނެއެވެ.

މީގެއިތުރުން ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމުގައި ރައީސް ސާލިހަކީ އެއްގޮތަކަށްވެސް ހުރަހެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސާލިހު ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެކަމަށް ތާއީދުކުރެއްވީ ޚުދު އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅެއް ނުވޭ ހުރަސް އަޅުއްވާނެ ކަމަކަށް. ހަމައެކަނި ވިދާޅުވީ ރައްޔިތުންނޭ ނިންމާނީ ވޯޓަކުން. ފާޅުގައި ދެކޮޅު ހައްދަވާ ތިމަންނާ އަނެއްކޮޅަށް ނިކުންނަވާ ކެމްޕެއިން ކުރައްވާނެ ކަމަށް ވިދާޅެއްނުވޭ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ތާއީދުކުރި ވަކި އެކަކަށް ހުންނާނީ އަޅުގަނޑު. ގިނަ ތާއީދު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އަޅުގަނޑު. އަދި މިވަގުތުވެސް ރައީސް ސާލިހަށް އެންމެ އިޚުލާސްތެރި މީހަކީ ހަމަ އަޅުގަނޑު.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެއިތުރުން ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައީސް ސާލިހާއި އެމަނިކުފާނާ ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވީނަމަވެސް އެކަމުގައި އެދެބޭފުޅުންނަށް އެއްގަލަކަށް އެރުއްވޭނެ ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ. އެއީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އެމްޑީޕީގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއެކު އެމްޑީޕީ ބައިބައިވެގެންދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީއެވެ. އެމްޑީޕީއަކީ އެޕާޓީގެ ޑިމޮކްރަޓިކް އުސޫލާއި އެއްގޮތަށް ކަންކަން ނިންމާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

ދެން އެމްޑީޕީ ބައިބަޔެއްވެސް ނުވާނެ. ދެން އެކަމާއި ދޭތެރޭ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ނުހިނގާ. އެމްޑީޕީގެ މެމްބަރުންނަކީ އެމްޑީޕީގެ ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރެއިން ނިންމުމާއި އެއްގޮތަށް ނިންމާ ނިންމުންތަކުގެ ފަހަތަށް އަރާނެ ބައެއް. އެއީކީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އަދި ރައީސް ސާލިހުވެސް އަރާނެ އަދި އަޅުގަނޑުވެސް އަރާނެ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ސާލިހާއި ރައީސް ނަޝީދު

ބަރުލަމާނީ ނިޒާމު ގެނައުމުގައި ރައީސް ޔާމީން އެކުގައި މަސައްކަތްކުރައްވާނެ:

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގައި މާބޮޑު ހުރަހެއް އޮތްކަމަށް ނަޝީދު ގަބޫލު ނުކުރައްވާ އަނެއް ސަބަބަކީ މިކަމުގައި އެމަނިކުފާނުގެ އެންމެ ބޮޑު ވާދަވެރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުގައި މަސައްކަތް ކުރައްވާނެތީއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭއިރު އެމަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެބަދަލު ގެނެވޭނެކަން ފާހަގަކުރައްވާ ވިދާޅުވީ އެބަދަލު ގެނައުމަށް ޕީޕީއެމްވެސް ތާއީދު ކުރާނެކަމަށެވެ.

އެބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަށް ދެކޮޅު ބައެއް ނޫން. އެބޭފުޅުން މީގެކުރީގައި ޚާއްސަކޮށް ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާފައި. ތާއީދު ނުކުރައްވާ ވާހަކަ ފަހުން ވިދާޅުވެފައެއްނުވޭ. އެހެންވީމާ އެމްޑީޕީ އާއި ޕީޕީއެމްއާ ދެޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއީދުކުރެވޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް. އެކަން ކުރެވުނީމާ ގާނޫނު އަސާސީއަށް މިބަދަލު ގެނެވޭނެ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށް ނިޒާމު ބަދަލުކުރުމަށް ޕީޕީއެމްއާ އެކުގައި މަސައްކަތްކޮށްގެން އެކަން ކުރެއްވޭނެކަމަށެވެ. ނިޒާމު ބަދަލުކުރުމާއެކު ބޮޑުވަޒީރުކަމަށް މީހަކު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރެވިގެންދާނެއެވެ. އެއާއެކު ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ހުށަހަޅުއްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުން ނިންމާނީ ބޮޑުވަޒީރަކަށް ވާނީ ކޮން ބޭފުޅެއްތޯ. އެފަދަ ނިންމުމެއް ނިންމުމަށް ހުށަހެޅުމުން އަޅުގަނޑުވެސް އަޅުގަނޑުގެ ނަން ހިމެނުމަށް އެދޭނަން.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު އަދި ރައީސް ޔާމީން - ރައީސް އޮފީސް

2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮންނަނަމަ ކެންޑިޑޭޓަކަށްވާނަން:

ދެން އޮތީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނަޝީދު ދެކެވަޑައިގަންނަވަމުން އަންނަ ބޮޑުވަޒީރުކަމުގެ ހުވަފެންފުޅާ އެއްގޮތަށް ކަންކަން ނުވުމުން ދެން ކަންކުރައްވާނެ ގޮތެވެ. އެއީ ވެރިކަމުގެ ނިޒާމު ބަދަލުނުވުމެވެ. އެހެންވެއްޖެކަމަށްވާނަމަ 2023 ވަނަ އަހަރު އޮންނާނީ ރިޔާސީ އިންތިޚާބެކެވެ.

ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނަނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. އަދި އެ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް ވިދާޅުވިއެވެ.

ދެން އެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނެތޯ ނޫންތޯ، އާދެ އަޅުގަނޑު ޕްރައިމަރީގައި ބައިވެރިވާނެ އަދި އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު މިހުރީ އެ ޕްރައިމަރީގައި ބައިވެރިވާ ގޮތަށް.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެއިތުރުން ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސާލިހު އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެއިންތިޚާބުގައި ވާދަކުރަން ބޭނުންފުޅުވާކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު އެއްފަހަރުވެސް އަޅުގަނޑު ކައިރީގައި ވިދާޅުވެފައިނުވޭ އިތުރު ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ކަމަކަށް. އަޅުގަނޑު އެދޭކަން މިދަނީ ހަމަ ތަކުރާރުކޮށް ދަންނަވަމުން. ދެން ރާއްޖޭގެ ސިޔާސީ ކަންކަމުގައި ވިސްނުން ހިންގާ އެއްވެސް ބޭފުޅަކަށް ޝޮކަކަށް ހައިރާނަކަށް ނުވާނެ އަޅުގަނޑު ރާއްޖޭގެ ރިޔާސީ އިންތިޚާބެއްގައި ބައިވެރިވާން އުޅެގެން އެއީ ހައިރާންވާނެ ކަމެއްގެ ގޮތުގައި. އެފަދަ ހައިރާން ކަމެއް ލިބޭނެކަމަށް ގަބޫލެއް ނުކުރަން.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ 2023 ގައި ރިޔާސީ އިންތިޚާބެއް އޮންނަނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނުކަމަށެވެ. އަދި ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނަމަ ރައީސް ސާލިހަށް އިންތިޚާބުގައި ތާއީދުކުރައްވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ " އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް އަޅުގަނޑު ތާއީދުނުކުރާނެ ދުވަހެއް ނާންނާނެ." އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
83%
0%
17%
ކޮމެންޓް
6 ޖުލައި 2021 | އަންގާރަ 20:15
އަމްޖަދު
ހެޔެއްނެތް، ޤާނޫނެއް އެކައްޗެއްވެސް ނުބަލާނެ. އެވަރަށް ވެރިކަމަށް ދަހިވެފަ. ވެރިކަން ލިބުނީމަ ކުރަން ނޭގުނުމީހަކަށް ވެރިކަން ދޭނެބަޔަކު މިގައުމަކު މިހާރު ނެތް. އެކަން އިނގޭހާލުވެސް ހުވަފެން ދެކެނީ.
6 ޖުލައި 2021 | އަންގާރަ 10:08
ވެރިކަން ވެރިކަން
ވެރިކަމާ ހެދީ ބޫތު ކައިފަ..... ވެރިކަން ހޯދަން ރައީސް ނަޝީދު އަމިއްލަ ފުރާ ދުއްވާލާކަށްވެސް ފަހަކަށް ނުޖެހޭނެ