އިންޑިއާގެ ކަޝްމީރުގައި ދިރިއުޅޭ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓުބޯޅަ މުބާރާތެއް ބާއްވަން ފަށައިފިއެވެ.
ކަޝްމީރުގެ ސްޕޯޓްސް ކައުންސިލުން ބުނީ މި މުބާރާތުގެ މަގުސަދަކީ ކަޝްމީރުގައި ދިރިއުޅޭ ކުދިންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި މި މުބާރާތަކީ ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާނެ މުބާރާތެއް ކަމަށާއި މި މުބާރާތުގައި ބައިވެރިވެވޭނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށެވެ.
މަސް ދުވަހަށް ދެމިގެންދާ މި މުބާރާތް ކުރިޔަށްދާނީ ގަވަމެންޓް އިސްލާމިއްޔާ ކޮލެޖް އޮފް ސައިންސް އެންޑް ކޮމާސްގެ ފުޓުބޯޅަ ދަނޑުގައެވެ.
ސްޕޯޓްސް ކައުންސިލުން ބުނީ ކަޝްމީރުގެ ކުޑަ ކުދިންނަކީ މިހާރުވެސް ކުޅިވަރަށް ލޯބިކުރާ ކުދިން ކަމަށާއި، އެކުދިންގެ ފެންވަރު އިތުރު ކުރުމަށް މިފަދަ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ރާވަމުން އަންނަ ކަމަށެވެ. އަދި ކަޝްމީރުގައި ފުޓުބޯޅައިގެ ބޮޑު މުބާރާތެއް ކުރިޔަށް އޮތް ދުވަސްތަކުގައި ބޭއްވުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕޯޓްސް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިން ސްޕޯޓްސް ކައުންސިލުން އިސްނަގައިގެން ކަޝްމީރުގައި ކްރިކެޓް މުބާރާތްތަކަކާއި ބާސްކެޓް ބޯޅަ މުބާރާތްތަކެއް ވެސް ވަނީ ބާއްވާފައެވެ.