ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 22:20
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
މަޖިލިސް
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު- ކޮމިޓީން ބިލު ދިރާސާކޮށް 29 އިސްލާހު ހުށައަޅައިފި
 
ބައެއް މާއްދާތައް އުނިކުރުމާއި، ބައެއް މާއްދާތަކުގެ ފަހަތަށް އަކުރު އިތުރު ކުރުމަށް ހުށައަޅާފައިވޭ

"ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު" ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެ ބިލަށް 29 އިސްލާހު ހުށައަޅައިފިއެވެ.

6 ޖުލައި 2020ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު" ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވުމާއެކު، އެ ބިލު ދިރާސާ ކުރުމަށްފަހު ކޮމިޓީން އާންމު ކޮށްފައިވާ ރިޕޯޓުގައި 29 އިސްލާހު ހުށައަޅާފައިވާއިރު ބައެއް މާއްދާ އުނިކުރުމާއި، ބައެއް މާއްދާގެ ފަހަތަށް އަކުރު އިތުރު ކުރުމަށް ހުށަހަޅާފައިވެއެވެ.

މި ރިޕޯޓުގައި ވަނީ ބިލުގެ 1 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ މިއީ ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށާއި، އެކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށް ބުނާ އަކުރު އިސްލާހު ކުރަން ހުށައަޅާ ކަމަށެވެ. އެގޮތުން މިއީ، ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނަށް ބަދަލު ކުރުމަށް ވަނީ ހުށައަޅާފައެވެ.

ރިޕޯޓުގައި ސަބަބެއް ކަމަށް ބުނީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލުމަށް، މި ބިލުން މިނިވަން މުސްތަގިއްލު މުއައްސަސާއެއް އުފެއްދުމަކީ މުހިންމުކަމެއްކަމަށް ކޮމިޓީއަށް ނުފެންނާތީއާއި، އެކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުވެ، ދައުލަތަށް އިތުރު މާލީ ބުރައެއް އުފުލަން ޖެހޭނެކަމަށް ފެންނާތީ، މި ބިލުން މިނިވަން މުއައްސަސާއެއް އުފައްދާގޮތަށް އޮތް އޮތުން އުނިކޮށް، މި އަކުރު އިސްލާހު ކުރާ ކަމަށެވެ.

މީގެ އިތުރުން ބިލުގެ 5 ވަނަ މާއްދާ އުނިކުރުމަށް ކޮމިޓީން ހުށައަޅާފައިވާއިރު ކޮމިޓީން ބުނީ ސަބަބަކީ ބިލުގެ 4 ވަނަ މާއްދާގައި ބިއުރޯގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާއިރު، ބިލުގެ 5 ވަނަ މާއްދާގައި ބިއުރޯގެ އިތުރު ޒިންމާތައް ބަޔާންކޮށްފައިވާތީ އެ ދެ މާއްދާގައިވެސް ހިމަނާފައިވަނީ ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމަށެވެ. ވުމާއެކު ބިލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ވަކި ދެ މާއްދާއެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ބިއުރޯއިން އަދާކުރަންޖެހޭނެކަމަށް 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިންމު މަސްއޫލިއްޔަތުތައް ހިމެނޭގޮތުން ބިލުގެ 4 ވަނަ މާއްދާ އިސްލާހުކޮށް ބިލުގެ 5 ވަނަ މާއްދާ އުނިކުރަން ހުށައަޅާ ކަމަށެވެ.

ހުށައަޅާފައިވާ އިތުރު އިސްލާހުގެ ތެރޭގައި ބިލުގެ 7 ވަނަ މާއްދާއަކީ ބިލުގެ 6 ވަނަ މާއްދާގެ ގޮތުގައި ހަމަޖައްސައި، އިސްލާހުކުރުމަށް ވަނީ ނިންމާފައެވެ. މި މާއްދާގެ (ހ) ގައި ވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ އިސް ފަރާތަކީ، ޗީފް ސްޓެޓިސްޓީޝަން ކަމަށެވެ. އަދި (ށ) ގައި ބުނީ ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ޗީފް ސްޓެޓިސްޓީޝަން ކަމަށެވެ.

ކޮމިޓީން ހުށައަޅާފައިވާ އިސްލާހުގައި ބުނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަން ކަމަށެވެ. ސަބަބަކީ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުއިރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި އެ ބިއުރޯ ހިންގުމަށްޓަކައި ބިލުގެ މާއްދާތައް އިސްލާހު ކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މި މާއްދާގެ ދަށުން ބިއުރޯ ހިންގުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ޗީފް ސްޓެޓިސްޓީޝަންގެ ބާރުތައް ތަންފީޒު ކުރަންވާނީ މިނިސްޓަރުގެ ލަފާގެމަތިންކަމަށް ބަޔާންކުރުން މުހިންމުކަމަށް ކޮމިޓީއަށް ފެންނާތީ މި މާއްދާ އިސްލާހުކުރާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބަޔާންކުރެއެވެ.

މި ރިޕޯޓުގައި ބިލަށް މުހިއްމު އިސްލާހުތަކެއް ހުށައަޅާފައިވާއިރު ނޭޝަނަލް ޕޭ ކޮމިޝަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވައިރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވަނީ ބިލަށް އިސްލާހު ހުށައަޅާފައެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ އެ އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި، ދިރާސާކޮށް އަދި ޝާއިޢުކުރުމުގެ މަސައްކަތްކުރަމުންދާ މުއައްސަސާއަކަށްވާތީ، ބިލާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންކަމާއި ބިލަށް ގެންނަން ފެންނަ އިސްލާހުތައް ހިމެނޭ ކަރުދާހެއް އެ އޮތޯރިޓީން ވެސް ވަނީ ހުށައަޅާފައެވެ.

ކޮމެންޓް