މަރުގެ ހާދިސާ ތަކަކީ އެކަމުގެ ހަގީގަތް ދެނެގަތުމަށް ބޮޑެތި ތަހުގީގުތައް ހިންގަން ޖެހޭ ކަމެކެވެ. ކޮންމެ މަރަކާއެކު މުޖުތަމައަށް ވެރިވެގެންދަނީ ބިރުވެރިކަމެވެ. މުޖުތަމައެއްގެ ހަމަޖެހުމާ ގުޅިފައިވާ މިފަދަ ކަންކަން ހަމައަކަށް އެޅިގެން ނޫނީ އެ މުޖުތަމައަކަށް ހަމަ ނޭވާ ނުލެވޭކަން ޔަގީނެވެ. މިއީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަންދޭ ކަމަށް ބުނާ ކަންތަކެވެ.
ރާއްޖޭގައި ގޮތްނޭގޭ މަރުތައް ގިނައެވެ. އިންސާފު ހޯދުމަށް ގޮވާލާ އެތައް ހާދިސާއެއް އެބައޮތެވެ. މިފަދަ ކޮންމެ ހާދިސާއެއްވެސް ގުޅެނީ، މާރާމާރީއާ، މަސްތުވާ ތަކެއްޗާ، ވައްކަމާ ފޭރުމުގެ އަމަލު ތަކާއެވެ. ނަފްރަތުގެ އަމަލުތަކާ ޓެރަރިޒަމްގެ އަމްލުތައްވެސް މި މުޖުތަމައުގައި ގިނައެވެ.
އެންމެ ފުރަތަމަ ދިވެހިން ސިއްސުވާލި ހާދިސާއަކަށް ވެގެންދިޔައީ، 2007ވަނަ އަހަރު ސަލްޓަން ޕާކު ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާއެވެ. އެ ހާދިސާއަށް 14 އަހަރުވީއެވެ. އެކަން ކުރި ބަޔަކަށް އަދަބު ނުދެވެއެވެ. އެ ހާދިސާގައި ޝާމިލުވާ މީހުން މިހާރު ހިނގާ ހާދިސާތަކުގެ އަޑީގައި ތިބިކަން ހާމައަށް ފެންނަން އެބަ އޮތެވެ.
ކޮންމެ ހަމަލައަކާއެކު ބާރު ސްޕީޑުގައި ތަހުގީގު ފަށައި، ބަޔަކު ހައްޔަރުކުރެއެވެ. ހެކި ހޯދަން މަސައްކަތްކޮށް ހެކިވެސް ފެނެއެވެ. އެހެނަސް އެމީހުންނަށް އަދަބު ދެވޭތަނެއް ނާދެއެވެ. މީގެ ނަތީޖާއަކަށްވަނީ އަނެއްކާވެސް ބިރުވެރި އެހެން ހާދިސާއެކެވެ.
2007 ވަނަ އަހަރު ހިމަންދޫގައި ހިނގައިދިޔަ ހާދިސާ ގިނަބަޔެއްގެ ހަނދާނުގައި ހުންނާނެއެވެ. އޭގެ ފަހުން ހިނގާދިޔަ ހުރިހާ ހާދިސާއެއްގައިވެސް އެއް ބައެއްގެ ބައިވެރިވުން އޮތްކަން ފެންނަން އެބައޮތެވެ.
ޖަލުގައި އެތައް އަހަރެއް ހޭދަކޮށް މުޖުތަމައަށް ނުކުންނައިރު އެމީހާ ހުންނަނީ ކުރިއަށްވުރެ ނުބައި މީހަކަށްވެފައެވެ. މިކަމުން ދޭހަވަނީ ދައުލަތުން އެމީހުން ރިހެބިލިޓޭޓް ކުރުމުގައި ފެއިލް ވެފައިވާ ކަމެވެ. މިކަމުގައި ފެއިލް ވުމުން އެމީހާ މުޖުތަމައަށް އަނބުރާ ނުކުންނަނީ ބަދަލު ހިފުމުގެ ރޫހުގައެވެ. ދެން ކުރަނީ އެއަށްވުރެ ނުރައްކާތެރި ކަންތަކެވެ.
އަނިޔާވެރިކޮށް ރާއްޖޭގައި މަރާލެވިފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ ޔާމިީން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟުވާންވެސް ހިމެނެއެވެ. މިއިން އެއްވެސް މަރަކަށް އިންސާފު ނުލިބެއެވެ.
ކޮންމެ ސަރުކާރަކުންވެސް އިންސާފު ގާއިމު ކޮށްދޭނެ ކަމަށް ބުނެ ވައުދުވެއެވެ. އެހެނަސް އެކަން ވަނީ ނުވެފައެވެ. ޖިނާއީ އަދުލުގެ ނިޒާމު ފެއިލްވެފައި އޮތީ ކޮން ހިސާބަކުންތޯ ބަލަން ޖެހެއެވެ. ޔަގީންވާ އެއްކަމަކީ ފެއިލްވެފައި އޮތް ކަމެވެ. އެހެން ނޫންނަމަ އިންސާފު ނުލިބިގެން ރޮމުންދާ އާއިލާތަކަށް އެތައް އަހަރެއް ވެގެންދާއިރު ތަސައްލީއެއް ލިބުނީހެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ބޮޑެތި ކުށްވެރިންނަށް މައާފް ދެއެވެ. މިއީ އެ އާއިލާތަކަށް ވޯޓާ ދިމާކޮށް ދޭ ހަދިޔާއެކެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭގޭހާ ގަމާރު ބަޔަކަށް ސިޔާސީ ވެރިން ނުވާނެކަން ޔަގީނެވެ. އެނގުނަސް އެކަން ހިނގައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް މިފަދަ ކަންކަން ހިންގިއެވެ. ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލިއެވެ.
ރާއްޖޭގައި ހިގަމުންދާ ބޮޑެތި ޖަރީމާތަކުގައި ޝާމިލުވަނީ އެ އަމަލު ހިންގާ މީހުން އެކަންޏެއް ނޫނެވެ. ކޮންމެ ކަމެއްގެ އަޑި އޮންނަނީ ސިޔާސީ މަސްރަހާ ގުޅިފައެވެ. ކޮންމެވެސް ސިޔާސީ މީހަކަށް މަންފާ ހޯދައިދިނުމަށް އުޅޭ ގްރޫޕްތައް މަދެއް ނޫނެވެ. އެމީހުންނަށް ފައިސާ ޚަރަދުކުރުމަކީ، ބޮޑެތި ޖަރީމާތައް ހުއްޓުވުމުގައި ރާއްޖެއަށް ކުރިމަތި ވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ރަހުމްކުޑަކޮށް މީހަކު މަރާލާ ކޮންމެ ފަހަރަކު މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލައެވެ. އެހެނަސް ދުވަސްކޮޅަކުން އެ އަޑު ކެނޑިގެންދެއެވެ. ބޮޑެތި ކުށްވެރިން މުޖުތަމައުގެ ތެރޭގައި މިނިވަން ކަމާއެކު އުޅެމުން އެބަދެއެވެ. މުއައްސަސާތަކަށްވެސް އެކަން އެނގެއެވެ. އެހެންކަމުން މިއީ އެމީހުންނަށް ކުށްތަކަށް އަރައިގަންނަން ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެއެވެ. މިހެން ދޫވެފައި ތިބުމުން އެމީހުންގެ ގްރޫޕަށް މީހުން ވެއްދުމަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބެއެވެ.
ހަގީގަތަކީ ރާއްޖޭގެ ޝަރުއީ މަރުހަލާތެރެއިން އެކި ހަރުފަތްތަކުން ކުށްވެރިން ދެމިގަނެފައިވާކަމެވެ. އެއީ، ތަހުގީގު މަރުހަލާ ކަމުގައިވީ ނަމަވެސް އަދި ޝަރީއަތުގެ މަރުހަލާ ކަމުގައިވީ ނަމަވެސް މިކަން އޮތީ މިހެންނެވެ. މާލީ ބޮޑެތި މަންފާ ލިބޭ ގޮތަށް ޑީލް ހަދައި ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމަކީ އިންސާފު ހޯދަން މަސައްކަތްކުރާ ނިކަމެތި މީހާއަށް އެޅޭ ހުރަހެވެ. އަދި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެކެވެ.