ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 23:15
ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 2-1 ން
ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޗެކް ރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް
ސެމީގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ ޔޫކްރޭން ނުވަތަ އިންގްލެންޑާ
ޗެކް ރިޕަބްލިކް އަތުން ޑެންމާކް މޮޅުން 2-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް ބަލިކޮށް ސެމީ ފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުން ޑެންމާކް މޮޅުން 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސެމީއަށް ޑެންމާކް ދަތުރުކުރިއިރު، މިއީ 1992 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީއަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.  އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ފަހުން ޑެންމާކުން ވަނީ 1996 އާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޑެންމާކުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ޑެލަނީއެވެ. މި ލަނޑަށްފަހު ވެސް ޑެންމާކުން ޗެކް ރިޕަބްލިކުގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެކް ރިޕަބްލިކުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ފަރަގުކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކްއެވެ. މި ލަނޑާއެކު އޭނާ ވަނީ މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށް، ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރުކޮށްފައެވެ.

މި މޮޅާއެކު ޑެންމާކް ސެމީއަށް ދަތުރުކުރިއިރު، މި ފަހަރުގެ ޔޫރޯ ދެވަނަ ބުރުން އެ ޓީމު ފުރުސަތު ހޯދީ ފުރަތަމަ ދެ މެޗުން ބަލިވުމަށްފަހު، ފަހު މެޗުގައި ރަޝިއާ ބަލިކޮށްގެންނެވެ. ޑެންމާކަކީ ޔޫރޯ ތާރީޚުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށްފަހު ނޮކައުޓް ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމެވެ.

ޔޫރޯގެ ސެމީގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

- ކޮމެންޓް