ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ އަޒަބައިޖާނުގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. ޑެންމާކުން މި މުބާރާތް މިހާތަނަށް އެއް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުގެ އަމާޒަކީ މި އަހަރު އަލުން 1992 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރުމެވެ.
މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ޗެކް ރިޕަބްލިކުން ހޯދީ ދެވަނަ ބުރުގައި ވަރުގަދަ ނެދަލެންޑްސް ބަލިކުރުމަށްފަހުގައެވެ. މި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ކުއާޓާގެ ޖާގައެއް ޑެންމާކުން ކަށަވަރުކުރީ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ވޭލްސް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ޑެންމާކް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކުން މި މުބާރާތުގެ ކުއާޓާއިން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑުގެ ބަސް:
ޗެކް ރިޕަބްލިކް މެޗުގެ ކުރިން ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ މި މުބާރާތުގައި ޑެންމާކުގެ އަމާޒަށް ވާސިލުވުމަށް މި މެޗަކީ މުހިންމު މެޗެއް ކަމަށެވެ. އަދި އިދިކޮޅުން ނުކުންނަ ޗެކް ރިޕަބްލިކް ކުއާޓާއަށް ދަތުރުކުރީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަޓުވާލުމަށްފަހު ކަމަށާއި، އެހެންކަމުން އެ ޓީމުގެ ފެންވަރު ސާފުވެއްޖެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން މި މެޗުގައި ޑެންމާކުން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެން ޖެހޭ ކަމަށްވެސް ހިލްމަންޑް ވަނީ ބުނެފައެވެ.
ޗެކް ރިޕަބްލިކުގެ ކޯޗު ޔަރޯސްލާވް ޝިލްހަވީގެ ބަސް:
ޗެކް ރިޕަބްލިކުގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ މި މެޗަކީ ނެދަލެންޑްސް މެޗަށްވުރެ ފަސޭހަވާނެ މެޗެއް ކަމަށް ނުދެކޭ ކަމަށާއި، އެގޮތުން ޑެންމާކުން އެންމެ ފަހުން މި މުބާރާތުގައި ކުޅުނު ދެ މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ޑެންމާކަށް ހާއްސަ ސަމާލުކަމެއްދީ، އެ ޓީމުގެ އެޓޭކުތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ޔަރޯސްލާވް ބުންޏެވެ.
މި މެޗު ބަލާނީ ކިހިނެއް:
ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.
މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ މުޙައްމަދު ޝިޔާޒް (މޯހަން) އާއި މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.