ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 18:55
އާމިރު ޚާންއާއި، އޭނާގެ އަންހެނުން ކިރަން ރާއޯ
އާމިރު ޚާންއާއި، އޭނާގެ އަންހެނުން ކިރަން ރާއޯ
ރާއްޖެއެމްވީ
އާމިރާއި ކިރަންގެ ކައިވެނި ނިމުމަކަށް ގެނައުން
އާމިރު ސިންގަލްވި ކަން އެނގޭތަ؟
 
ދުރުވާން ޖެހުނު ސީދާ ސަބަބެއް ހާމަކޮށްފައިނުވޭ
 
ޕާނީ ފައުންޑޭޝަނުގައި ވެސް އެކީގައި މަސައްކަތް ކުރާނެ
 
މިނިންމުމުގެ އެއްވެސް ނޭދެވޭ އަސަރެއް ދަރިފުޅަށް ނުކުރާނެ

ލޯބިން ގުޅޭ ދެހިތެއް ވަކިވެދާ ވާހަކައަކީ އައު ވާހަކައެއް ނޫނެއެވެ. ސަބަބެއް ނެތި ވެސް ވަކިވެދެއެވެ. މީގެ ތެރޭގައި ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ތަރިންވެސް ހިމެނެއެވެ. މިފަދަ ތަރިން ސިންގަލްވުން ނުވަތަ ކައިވެނި ރޫޅާލުމަކީ ބައެއް ސަޕޯޓަރުންނަށް ލިބޭ އުފަލަކަށް ވެގެންދެއެވެ. އަނެއް ބައި ސަޕޯޓަރުންނަށް ކުއްލި ސިހުމެއް ވެސް ގެނުވައެވެ. އެގޮތުން އަނެއްކާ ވެސް ބޮލީވުޑްގައި މިފަދަ ޚަބަރެއްގެ އަޑު މިވަނީ ގުގުމާލާފައެވެ.

އެއީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ މަޝްހޫރު އެކްޓަރު އާމިރު ޚާން ސިންގަލްވި ޚަބަރުންނެވެ. މިއީ ލިބުނު ބޮޑު ސަޕްރައިޒެއް ކަމަށް އޭނާގެ ސަޕޯޓަރުން ބުނެއެވެ. 15 އަހަރު ވަރަށް ލޯބިން އުޅުމަށްފަހު އަންހެނުން ކިރަން ރާއޯ ވަރިކުރި ސަބަބަކާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު ވެސް އުފައްދަމުންނެވެ. އަދި ދިރިއުޅުމުގައި މިފަދަ ބޮޑު ނިންމުމެއް ނިންމި ސަބަބު ހޯދަން ގިނަ ބަޔަކު ބޭނުންވެސް ވެއެވެ.

ނަމަވެސް ކައިވެނި ރޫޅާލި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އާމިރާއި ކިރަންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދެމީހުންގެ ދުރުވުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، ވަރިވާން ނިންމީ ދެމީހުން ދެމީހުން އެއްބަސްވެގެން ކަމަށެވެ.

2005 ވަނަ އަހަރު ކުރި މިކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ދަރިފުޅު 9 އަހަރުގެ އާޒާރު ރާއޯ ޚާނަށް ހުރިހާ ކަމެއްގައި ދެ މީހުން އެކީގައި އެއްވަރަކަށް ހިއްސާވާނެ ކަަމަށް ބުނެފައިވެއެވެ. އަދި މިނިންމުމުގެ އެއްވެސް ނޭދެވޭ އަސަރެއް ދަރިފުޅަށް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

އާއިލީ އަދި ޕްރޮފެޝަނަލް އެއްވެސް ގުޅުމަކަށް ބުރޫނާރާނެކަން ފާހަގަކޮށް ބުނެފައިވަނީ، ތިމާވެށި ހިމާޔަތްކޮށް ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން ދެ މީހުން އެކީގައި ހަދާފައި އޮތް ޕާނީ ފައުންޑޭޝަނުގައި ވެސް އެކީގައި މަސައްކަތް ކުރާނެ ކަމަށެވެ.

އާމިރާއި ކިރަންގެ ކައިވެނީގައި ފާއިތުވި 15 އަހަރު ސިފަކޮށްފައިވަނީ ހަޔާތުގައި އައި ވަރަށް އުފާވެރި އެތައް ހަނދާންތަކާ ގުޅިފައިވާ ދުވަސްތަކެއްގެ ގޮތުގައެވެ. މިފަދަ ނިންމުމެއް ނިންމަން ޖެހިދާނެކަމުގެ އެއްވެސް އުންމީދެއް ވެސް ކޮށްފައިނުވެއެވެ. ނަމަވެސް ކޮންމެ ފަދަ ވަގުތެއްގައިވެސް ހާލަތު ބަދަލުވެގެން ހިނގާދާނެ ކަމަށް އާމިރު ބުނެފައިވެއެވެ.

އާމިރު ދެވަނަ ފަހަރަށް ކައިވެނި ރޫޅާލާފައިވާއިރު، ފުރަތަމަ ކައިވެނި ރޫޅާލީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ކައިވެނީގެ ގޮށްޖަހާލީ 1986 ވަނަ އަހަރު ރީނާ ދައްތާ އެވެ. މި ކައިވެންޏަށް ދެދަރިން ލިބިފައިވެއެވެ. އެއީ 28 އަހަރުގެ ޖުނައިދު ޚާންއާއި 24 އަހަރުގެ އިރާ ޚާން އެވެ.

21 އަހަރުގައި ދިރިއުޅުން އާރާސްތުކުރަން ކައިވެނި ކުރިނަމަވެސް ލޯބީގެ ގޮތުން ނާކާމިޔާބު، އަދި ޒުވާން ދައުރުގައި ވެސް ހިތްދަތި ގިނަކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެވާހަކަތަކުގެ ތަފްސީލެއް ހާމަކޮށްފައިނުވެއެވެ. ގިނަ ބައެއްގެ ލޯބި ލިބި، އެތައް ހާހުން ސަޕޯޓަރުން ތިބިއިރުގައި ލޯބީގައި އެހައި ނާކާމިޔާބުވީ ގޮތާއި، ތަޖުރިބާ ކުރަން ޖެހުނު ހިތްދަތި ލޯބީގެ ވާހަކަތައް ހޯދުމަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
71%
0%
29%
0%
ކޮމެންޓް