އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ އެންމެ ފަހު ފައުޖު ބުރާސްފަތި ދުވަހު އެގައުމުން ފައިބައިފިއެވެ.
އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސިފައިން އެގައުމުން ފައިބާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާއިރު އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައި ހުންނަ އެގައުމުގެ އެމްބަސީގައި މަސައްކަތްކުރަމުންދާ ސަރުކާރުގެ ހުރިހާ އޮފިޝަލުން އަފްޣާނިސްތާނު ދޫކޮށް ދިއުމަށް ވެސް އަންގާފައެވެ.
އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބާނެކަން ހާމަކުރުމާއެކު އެގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ތާލިބާނުންގެ ބާރު އަންނަނީ ގަދަވަމުންނެވެ. މިއާއެކު އަނެއްކާވެސް އަފްޣާނިސްތާނު ކުރީގެ ހާލަތަށް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެމެރިކާއިން އަފްޣާނިސްތަނަށް އަރާފައިވަނީ ތާލިބާނުންގެ ބާރު ކަނޑުވާލާ އެގައުމުގައި ސަރުކާރެއް ގާއިމުކުރުމަށް އެހީވެދިނުމަށެވެ.
ގާތްގަނޑަކަށް 20 އަހަރުވުމާ ކައިރިވެފައިވާ މިހަނގުރާމަ ނިމުމަކަށް ގެނެސް އެގައުމުގައި ތިބި އެމެރިކާގެ ސިފައިން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގައުމަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި އިންސާނީ އެހެން އެހީތެރިކަންވެސް ދޭނެކަމަށް އެމެރިކާއިން ވަނީ ވައުދުވެފައެވެ.
އެހެންނަމަވެސް ކުރިން ކަންތައްވީގޮތަށް އިންސާނީ ހައްގުތަކަށް ވަކިން ޚާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އަރައިގަންނަ ކަމަށްވާނަމަ އެހީތެރިކަން ދިނުން މެދުކަނޑާލާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފޭބިކަމުގައިވީނަމަވެސް އެމެރިކާގެ ނިންމުން ވަރަށް ސާފުކަމަށެވެ. އެއީ ޑިޕްލޮމެޓިކް ގޮތުން އެގައުމާއެކު ގުޅުން ބަދަހިކުރާނެކަމަށާއި އިގްތިސާދީ ގޮތުންނާއި އަފްޣާނިސްތާނުގައި ސުލްހަ ދެމެހެއްޓުމަށް އެހީތެރިވެދެވެން ހުރި ހުރިހާ ދާއިރާތަކުން އެމެރިކާއިން އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.