ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 09:35
އިޓަލީގައި މާސްކު އެޅުން މަޖުބޫރުނޫން ކަމަށް ނިންމުމުން ރޯމްގެ މަގުމަތީގައި މީހުން މާސްކު ނަގައިގެން
އިޓަލީގައި މާސްކު އެޅުން މަޖުބޫރުނޫން ކަމަށް ނިންމުމުން ރޯމްގެ މަގުމަތީގައި މީހުން މާސްކު ނަގައިގެން
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ހާލަތު
އިޓަލީގައި ވެސް ޑެލްޓާ ވޭރިއަންޓްގެ ބާރު ގަދަކުރަނީ
 
އިޓަލީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 4.26 މިލިއަނަށް އަރާ
 
މެއި މަހުގެ 18 ވަނަ ދުވަހު ފެނިފައިވާ ކޭސްތަކުން ޑެލްޓާ ވޭރިއަންޓް ފެނިފައިވަނީ 1 އިންސައްތަ ކޭހުން
 
ޖޫން މަހުގެ 22 ވަނަ ދުވަހު ފެނިފައިވާ ކޭސްތަކުގެ 22.7 އިންސައްތަ ހިއްސާކުރަނީ ޑެލްޓާ ވޭރިއަންޓް

ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް އިޓަލީގައި އިތުރުވަމުން އަންނަ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓު(އައި.އެސް.އެސް)ން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އައިއެސްއެސް އިން ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާލާއިރު ނިމިގެންދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެގައުމުން ފެނިފައިވާ ކޭސްތަކުގެ 22.7 އިންސައްތަ ހިއްސާކުރަނީ ޑެލްޓާ ވޭރިއަންޓެވެ. އޭގެކުރިން މިފަދަ ސާވޭއެއް ކުރިޔަށް ގެންގޮސްފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެސާވޭގައި ހާމަވެފައިވަނީ އޭރު ފެންނަމުންދިޔަ ކޮވިޑް ކޭސްތަކުން ޑެލްޓާ ވޭރިއަންޓް ފެނިފައިވަނީ އެންމެ 1 އިންސައްތަ ކަމަށެވެ.

މީގެއިތުރުން ޖޫން މަހުގެ 22 ވަނަ ދުވަހު ފެނިފައިވާ ކޭސްތަކުގެ 57.8 އިންސައްތަ ހިއްސާކުރަނީ އަލްފާ ވޭރިއަންޓެވެ. އޭގެކުރިން ހަދާފައިވާ ސާވޭއިން އެނގިފައިވަނީ އަލްފާ ވޭރިއަންޓް ފެނިފައިވަނީ 88.1 އިންސައްތަ ކޭހުގައި ކަމުގައެވެ.

އިޓަލީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އަދިވެސް ރަނގަޅަށް ކުރިޔަށް ނުގެންދެވޭތީ ހަލުވި މިނުގައި ފެތުރެމުންދާ މިފަދަ ވޭރިއަންޓްތަކުގެ ސަބަބުން އިޓަލީގެ ހާލަތު ގޯސްވެދާނެކަމަށް އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.

ދާދިފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓް މިހާރު 100ށް ވުރެ ގިނަ ގައުމުން ފެނިފައިވާކަމަށެވެ. އަދި އެވޭރިއަންޓަކީ މިވަގުތު ދުނިޔޭގައި އެންމެ ބާރުގަދަ ވޭރިއަންޓްކަމަށްވެސް ވަނީ ބުނެފައެވެ.

އައިއެސްއެސް އިން ބުނެފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ސާވޭގައި ހުރިހާ ވޭރިއަންޓްތަކަށް ބަލާފައިނުވާ ކަމަށެވެ. ބަލާފައިވާނީ އެދުވަހު ފެނުނު ވޭރިއަންޓްތަކަށް އެކަނި ކަމަށް ވަނީ ބުނެފައެވެ. އެދުވަހު ކުރިޔަށް ގެންދިޔަ ސާވޭގައި ކަޕާ ވޭރިއަންޓް ފެނިފައިނުވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އިޓަލީގައި ކަޕާ ވޭރިއަންޓްގެ ގިނަ ކޭސްތަކެއް އުޅޭކަމަށް ވަނީ ވާހަކަދެކެވިފައެވެ.

ޑާޓާއިން ދެން ފެނުނު ވޭރިއަންޓަކީ ބްރެޒިލްއިން ފެނުނު ވޭރިއަންޓް ކަމުގައިވާ ގާމާ ވޭރިއަންޓެވެ. އެވޭރިއަންޓްގެ 11.8 އިންސައްތަ ކޭސް ވަނީ ފެނިފައެވެ. އޭގެކުރިން ކުރިޔަށް ގެންދިޔަ ސާވޭއިން ގާމާ ވޭރިއަންޓްގެ 7.3 އިންސައްތަ ކޭސް ވަނީ ފެނިފައެވެ.

އިޓަލީން މިހާތަނަށް އައިއިރު މިބަލީގައި 127،587 މީހުން ވަނީ މަރުވެފައެވެ. އިޓަލީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 4.26 މިލިއަނަށް އަރައެވެ. އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގައި ދެވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އަދި މުޅި ދުނިޔެއިން 8 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

މިދިޔަ މަހު އިނގިރޭސިވިލާތުން ހާމަކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ދެގުނަ ވަނީ މައްޗަށްގޮސްފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒާއެކު މިވޭރިއަންޓް ޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ލިބޭކަން ވަނީ އެނގިފައެވެ.

އިޓަލީގެ އާބާދީގެ 32.2 އިންސައްތަ މީހުންނަށް ވަނީ ދެ ޑޯޒް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް