ރައުންޑް އޮފް 16 ގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ސްވިޒެލެންޑް ކުޅުނު މެޗަކީ ގިނަ ބަޔަކު ހަނދާން ހުންނާނެ މެޗެއްކަން ޔަގީނެވެ. ފުލުފުލުގައި ދެ ޓީމުން ޖަހަމުންދިޔަ ލަނޑުތަކުން މެޗް އެއްވަރުވެގެން އެންމެ ފަހުން ޕެނަލްޓީ ޖަހައިގެން ވަރުގަދަ ފްރާންސް ބަލިކޮށް ސްވިޒެލެންޑް މިވަނީ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މި ފަހަރުގެ ޔޫރޯގައި ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހަންޖެހުނު އެ މެޗުން ސްވިޒެލެންޑް ކުއަރޓަރއަށް ދަތުރުކޮށްފައިވާއިރު އެޓީމަކީ ބަލި ޓީމެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. ނަމަވެސް ދައްކަން މިއުޅެނީ ސްވިޒެލެންޑް ޓީމުގެ ކުޅުންތެރިންނާއި އެޓީމުގެ ވާހަކައެއް ނޫނެވެ. އެ މެޗުން ފެނިގެންދިޔަ ސްވިޒެލެންޑްގެ ވަރުގަދަ ސަޕޯޓަރެއްގެ ވާހަކައެވެ.
ކޮވިޑާ ގުޅިގެން މިފަހަރުގެ މެޗްތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވެފައިވީނަމަވެސް މެޗްތަކުގެ ފޯރި ހިފެހެއްޓުމަށް ސަޕޯޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މެޗް ދައްކަމުންދާއިރު ޓީމުތަކުގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުތަކަކީ ވެސް ޝައުގުވެރި ކުރަނިވި ކަންކަމެވެ. ޓީމު ބަލިވާއިރު މޫނު މަތިން ފެންނަ މާޔޫސްކަމާއި ދެރަވުމާއި ލޮލުން ފައިބާ ކަރުނަ އާއި ޓީމު މޮޅުވަމުން އަންނައިރުއާއި މޮޅުވީމަ ދެން އެ ފެނިގެންދާ އުފާވެރިކަން އެއީ މެޗްތައް ބަލަން ތިބޭ މީހުންނަށް ވެސް އެ އިހުސާސްތައް ހަމައެގޮތުގައި ކުރުވާ ކަމެކެވެ.
ސްވިޒެލެންޑާއި ފްރާންސް ގެ މެޗްގައި މިކަން މި ވަނީ ވަރަށް ރަނގަޅަށް ފެނިގެންގޮސްފައެވެ. އެ މެޗް ކުޅެމުންދިޔަ ރުމޭނިޔާގެ ވެރިރަށް ބުރަކެސްޓްގެ ނެޝަނަލް އެރީނާ އަށް މެޗް ބަލަން ވަދެއިން ލޫކާ ލައުޓެންބާކް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ އޭނާގެ މޫނުމަތިން ފެނިގެންދިޔަ އަސަރުތަކުގެ ސަބަބުންނެވެ. ޓީމަށް ކުރަމުންދިޔަ ސަޕޯޓް އެފޮޓޯ އާއި ވީޑިއޯ ފެނުނު ކޮންމެ މީހަކަށް ވެސް ރަނގަޅަށް ވަޒަންކޮށްލެވޭ ވަރުވެއެވެ.
ލޫކާ އެންމެ ފުރަތަމަ ފެނިގެންދިޔައީ މެޗް ނިމެމުން ދަނިކޮށް 89 ވަނަ މިނެޓްގައެވެ. އޭރު ސްވިޒެލެންޑް އޮތީ ފްރާންސާ އެއްވަރުކުރުމަށް އެންމެ ގޯލެއްގެ ފަހަތުގައެވެ. ފަހު ދިހަ މިނެޓް ތެރޭގައި ސްވިޒެލެންޑުން ކުޅުން ރަނގަޅުކޮށް ފްރާންސްގެ ގޯލަށް ނުރައްކާކުރަން ވަނީ އޭރު ފަށާފައެވެ. އެހެންކަމުން 89 ވަނަ މިނެޓާ ހަމައަށް އައިއިރު ލޫކާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްވެ ކަންބޮޑުވެ ދެރަވެފައި ހުރިކަމުގެ ކުލަވަރުތަކެވެ. ކިރިޔަކިރިޔާ ނުރޮވި ހުރީ ފަހު ވަގުތުވެސް ލަނޑެއް ޖަހާ މެޗް އެއްވަރުކުރުމަށް އެދިއެދިއެވެ.
ގާތްގަނޑަކަށް އޭގެ މިނެޓެއް ފަހުން ސްވިޒެލެންޑުން ލަނޑެއް ޖަހައި ފްރާންސާ އެއްވަރުކުރިއެވެ. އެއީ 90 ވަނަ މިނެޓާއި 59 ވަނަ ސިކުންތުގައެވެ. އެއާއެކު ފެނިގެންދިޔައީ 89 ވަނަ މިނެޓްގައި ފާޑަކަށް ރޮވިފައި ހުރި ލޫކާ އުފަލުންގޮސް ޓީޝާޓް ބާލާ ހަޅޭއްލަވާ މަންޒަރެވެ. 89 ވަނަ މިނެޓްގައި ލޫކާ ފެނުނު އިރު ލޮލުގައި އަޅައިގެން ހުރި އައިނު ފިޔަވައި ދެން ލައިގެން ހުރި ޓީޝާޓާއި ކޮނޑުމަތީގައި އޮތް ސްވިޒެލެންޑްގައި ދިދަ އަދި ބޮލުގައި އަޅާފައި އޮތް ތޮއްޕަށް ވީގޮތެއް ނޭނގުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޓީމު އެއްވަރުވުމާއެކު އުފަލުން ގޮސް އޭނާ ފޮޅިގެންދިޔައެވެ.
މިއާއެކު ސޯޝަލް މީޑިޔާގައި ވަގުތުން މި ދެ ފޮޓޯ ދައުރުވާން ފެށިއެވެ. މިނެޓެއްގެ ތަފާތުގައި ލޫކާއަށް އައި ބަދަލު ފެންނަ މި ފޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ. ކުއްލިއަކަށް ލިބިގެންދިޔަ މަޝްހޫރު ކަމާއެކު ސްވިސްގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ލޫކާ ބުނެފައިވަނީ އަސްލުވީ ގޮތެއް ނޭނގޭކަމަށެވެ. އޭނަ ދަންނަ އެންމެން ކަހަލަ ގޮތަކަށް އޭނާއަށް މެސެޖްކުރި ކަމަށް ލޫކާ ބުނެއެވެ.
އުމުރުން 28 އަހަރުގެ ލޫކާ ބުނީ އޭނާގެ ގައުމު ކުޅޭ ހުރިހާ މެޗެއް ބެލުމަށް ދެވޭތޯ މަސައްކަތްކުރި ކަމަށެވެ. އެގޮތުން ކުރިން ސްވިޒެލެންޑް، ވޭލްސް އާއެކު ކުޅުނު މެޗާއި ތުރުކީ އާއެކު ކުޅުނު މެޗް ބަލަން ދަނޑަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި މެޗް ބެލުމަށް ސްޓޭޑިއަމަށް ދިޔުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ. އޭނާއަށް ލިބިފައިވާ ކުއްލި މަޝްހޫރު ކަމަށް އޭނާގެ މާބޮޑު ސަމާލުކަމެއް ނެތެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ސްވިޒެލެންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދާން އޭނާ ކޮންމެހެން ވެސް ބޭނުންވެއެވެ. ސެއިންޓް ޕީޓަސްބާގްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ބެލުމަށް އޭނާ ދާން ބޭނުންވިނަމަވެސް އެކަމަށް ހުރަސް އަޅަނީ ކޮވިޑެވެ. ލޫކާ ބުނީ ކޮވިޑްގެ ސަބަބުން މެޗް ބެލުމަށް ދިޔުމަށް އިތުރަށް ބަލަން ޖެހޭކަންކަން އެބަހުރިކަމަށެވެ.
އެންމެ ފަހުން ލިބެމުންދާ ޚަބަރުތަކަށް ބަލާލާއިރު ލޫކާއަށް މިވަނީ ސްވިޒެލެންޑް ކުއަރޓަރގައި ކުޅޭ މެޗް ބެލުމަށް ރަޝިޔާއަށް ދިޔުމަށް ސްވިޒެލެންޑްގެ އެއަރލައިން ސްވިސް އިން ހިލޭ ޓިކެޓް ދީފައެވެ. މީގެއިތުރުން ޔޫރޯ ނިމުމުން ސްވިޒެލެންޑުން ބޭރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އެގައުމުގެ ޓުއަރިޒަމް އެޖެންސީން ވަނީ ދީފައެވެ. ކޮންމެ އަކަސް ހުކުރު ދުވަހުގެ ރޭ ސްވިޒެލެންޑާއި ސްޕެއިން ކުޅޭ މެޗްގައި ލޫކާއަށް ކެމެރާތައް އަމާޒުވާނެ ކަމަކީ މިހާރު ޔަގީން ކަމެކެވެ. ލޫކާގެ ސަޕޯޓްކުރުމުގެ ކަންކަން އެ މެޗްގައި ހުންނަ ގޮތް ކެމެރާތަކަށް ރިކޯޑް ކުރަން ކޮންމެހެން ވެސް ބޭނުންވާނެއެވެ.
ނަމަވެސް ލޫކާ ބުނާގޮތުން އޭނާއަކީ ހަމަ އާދައިގެ ފޭނެކެވެ. ނަމަވެސް އެހެން މީހުންނަށް ލޫކާއަކީ ސްވިޒެލެންޑްގެ އެންމެ ބޮޑު ސަޕޯޓަރެވެ. ޓީމަށް ސަޕޯޓް ކުރަންޏާ ލޫކާ ކުރާގޮތަށް ސަޕޯޓްކުރަންވާނެއެވެ. ލޫކާ މިވަނީ މި ފަހަރުގެ ޔޫރޯ އާއެކު މަޝްހޫރު ކަމެއް ހޯދާފައެވެ. ނަމަވެސް އޭނާ ގަބޫލުކުރަނީ މިއީ ދެތިން ދުވަހެއްގެ ތެރެގައި މީހުން ހަނދާން ނެތޭނެ ކަމެއްގެ ގޮތުގައެވެ.