ބާސެލޯނާއާއެކު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެއެވެ.
ބުދަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެހެންކަމުން މި ވަގުތު އޭނާއަކީ އެއްވެސް ކުލަބެއްގެ ކުޅުންތެރިއެއް ނޫނެވެ. މިއީ 2000 ވަނަ އަހަރު ޅަ އުމުރުގައި ބާސާއަށް ބަދަލުވި ފަހުން މެސީއަށް ބާސާގެ އެއްބަސްވުމެއް ނެތި ދާ ފުރަތަމަ ފަހަރެވެ.
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ ބާސާގައި މަޑުކުރަން މެސީ ބޭނުންވާ ކަމަށާއި، އެގޮތުން އެއްބަސްވުން އާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެ މަސައްކަތް ލަސްވި ސަބަބަކީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގެ މައްސަލަތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
މެސީ އެންމެ ފަހުން ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ އަގު 555 މިލިޔަން ޔޫރޯއަށް އަރާއިރު، އެއްބަސްވުމުގައިވާ ގޮތުން ބޯނަހާއި އެހެނިހެން އާމްދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިޔަން ޔޫރޯގެ މުސާރައެއް ދިނެވެ.
ބާސާގެ އެއްބަސްވުން މެސީ އާކުރާއިރު، ދާދި ފަހުން ޕީއެސްޖީން ވަނީ ބޮޑު މުސާރަ ލިބޭ އެއްބަސްވުމެއް މެސީއަށް ހުށަހަޅާފައެވެ. އަދި އޭނާ ހޯދަން މެންޗެސްޓާ ސިޓީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 778 މެޗުގައި 672 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.