ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ކުޅުން ނިމި ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، މި މުބާރާތުގެ ދެވަނަ ބުރަކީ ސަޕްރައިޒިން ނަތީޖާތަކެއް ނުކުތް ބުރެކެވެ. ޔޫރަޕުގެ ބޮޑެތި ބައެއް ބާރުތައް މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވާއިރު، ފޯރިގަދަ މެޗުތަކެއް ދެވަނަ ބުރުން ފެނިގެންދިޔައެވެ. އެގޮތުން ބައެއް މެޗުތަކުގައި އިތުރު ވަގުތު ކުޅެ ނަތީޖާ ނެރެން ޖެހުނުއިރު، މި ބުރުގެ އެއް މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ސްވިޓްޒަލެންޑާއި ސްޕެއިންގެ ކުރިމަތިލުން:
މި މުބާރާތުގެ ކުއާޓާގެ ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރާއިރު، ކުއާޓާއަށް ސްވިޓްޒަލެންޑް ދަތުރުކުރީ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަށްފަހުއެވެ. މި މެޗު ވެގެންދިޔައީ މި މުބާރާތުގައި އެންމެ ފޯރިގަދަ އެއް މެޗަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެއާއެކު މި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްވިޓްޒަލެންޑުން އެ ޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، ފްރާންސްގެ ކީލިއަން އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޓްޒަލެންޑްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މީގެ އިތުރުން ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމު ކަމަށްވާ ކްރޮއޭޝިއާ ކަޓުވާލުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީވެސް 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ދެ ލަނޑު ޖަހައި، 5-3 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށްފައެވެ.
ބެލްޖިއަމާއި އިޓަލީގެ ކުރިމަތިލުން:
މި މުބާރާތުގެ ކުއާޓާގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާއިރު، މުބާރާތުގެ ކުއާޓާއިން ބެލްޖިއަމް ޖާގަ ހޯދީ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހުއެވެ. އެ މެޗުން ބެލްޖިއަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބެލްޖިއަމުގެ ކެޕްޓަން އެޑެން ހަޒާޑާއި، މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން ކުއާޓާގައި މި ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލުއުފެދިފައެވެ.
އެނެއްކޮޅުން ކުއާޓާގެ ޖާގައެއް އިޓަލީން ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އޮސްޓްރިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ. މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 31 މެެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އައު ރެކޯޑެކެވެ.
ޗެކް ރިޕަބްލިކާއި ޑެންމާކުގެ ކުރިމަތިލުން:
މި މުބާރާތުގެ ކުއާޓާގައި ޗެކް ރިޕަބްލިކާއި ޑެންމާކު ބައްދަލުކުރާއިރު، ކުއާޓާގެ ޖާގައެއް ޗެކް ރިޕަބްލިކުން ހޯދީ ދެވަނަ ބުރުގައި ވަރުގަދަ ނެދަލެންޑްސް ބަލިކުރުމަށްފަހުގައެވެ. މި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އަދި ކުއާޓާގެ ޖާގައެއް ޑެންމާކުން ކަށަވަރުކުރީ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ވޭލްސް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ޑެންމާކް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކުން މި މުބާރާތުގެ ކުއާޓާއިން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
ޔޫކްރޭނާއި އިންގްލެންޑުގެ ކުރިމަތިލުން:
މި މުބާރާތުގެ ކުއާޓާއަށް ޔޫކްރޭން ދަތުރުކުރީ އިތުރު ވަގުތު ކުޅެ 2-1 ގެ ނަތީޖާއަކުން ސްވިޑެން ބަލިކުރުމަށްފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އޭގެ ތެރެއިން ފަހު ހާފުގެވެސް ފަހު މިނެޓުގައި އާޓެމް ޑޯވްބީކް ވަނީ ލަނޑު ޖަހައި ޔޫކްރޭން މި މެޗުން މޮޅުކޮށްދީފައެވެ.
މީގެ އިތުރުން އިންގްލެންޑް ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ވަރުގަދަ ޖަރުމަން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ކުރިން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ޖަރުމަން އަތުން އިންގްލެންޑް މޮޅުވީ މީގެ 55 އަހަރު ކުރިން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައެވެ.
މުބާރާތުގެ ކުއާޓާއަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، ކުއާޓާގެ މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.