ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 17:31
ގްރޭޓަރ މާލެ ބަސް ޓަރމިނަލް
ގްރޭޓަރ މާލެ ބަސް ޓަރމިނަލް
ރާއްޖެއެމްވީ
އެމްޕީއެލް ބަހުގެ ޚިދުމަތް
ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުވެގެންދާއިރު މުވައްޒަފުންނަށް ދެރަގޮތެއް ނުވާނެ- އެމްޕީއެލް
 
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވޭ
 
ފަސްލައްކައަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވިފައިވޭ

ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުވެގެންދާއިރު މުވައްޒަފުންނަށް ދެރަގޮތެއް ނުވާނެ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، މުޙައްމަދު މަޙުޖޫބް ވިދާޅުވީ، ތިން އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ބަހުގެ ޚިދުމަތް ދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޚިދުމަތް ބަދަލުވެގެން ދާއިރު، މުވައްޒަފުންނާއި ބަސްތަކާއެކު އެމްޓީސީސީގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އުނިކަން ނާންނާނެ ގޮތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެމްޓީސީސީއަށް ބަދަލުވިޔަސް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އެމްޕީއެލްއިން ދެމުން ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޙުޖޫބް ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތަކީ އެމްޕީއެލްގެ މެންޑޭޓްގެ ތެރޭގައި ނުހިމެނޭ ކަމަކަށްވީނަމަވެސް ސަރުކާރުން އެ މަސައްކަތް ހަވާލު ކުރުމުން 2016ވަނަ އަހަރު އައްޑޫއާއި ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓް ފެށި ކަމަށާއި، ފުރަތަމަ ޚިދުމަތް ފަށައިގަތީ 13 ބަހާއެކު ކަމަށެވެ. އެއީ އައްޑޫ ގައި 11 ބަސް އަދި ފުވައްމުލަކުގައި 2 ބަހެވެ. އައްޑޫއާ ފުވައްމުލަކާ ދޭތެރޭގައި ފެރީގެ ޚިދުމަތްވެސް އެމްޕީއެލުން ދީފައިވެއެވެ.

ބަހުގެ ޚިދުމަތް ފުޅާކޮށް 2017ވަނަ އަހަރު ލ އަތޮޅުގައި ބަހުގެ ޚިދުމަތް ދޭން ފަށައި، އެންމެ ބޮޑު ޕަބްލިކް ޓްރާންސްޕޯޓް ލިންކް އެމްޕީއެލްއިން ގާއިމް ކުރިއެވެ. ސިނަމާލެ ބްރިޖާއެކު 2018ވަނަ އަހަރު މާލެއާ ހުޅުމާލެއާ ދޭތެރޭގައިވެސް އެމްޕީއެލުން ބަހުގެ ޚިދުމަތް ފެށިއެވެެ.

މަޙުޖޫބް ވިދާޅުވިގޮތުގައި މަސައްކަތްކޮށްފައިވަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ބަހުން ދަތުރުކުރާ މީހުންނަށް ދިނުމަށް ކަމަށެވެ. އެގޮތުން ޑަބަލް ޑެކަރ ބަސްތައާރަފް ކުރިއެވެެ.

2018ވަނަ އަހަރުން ފެށިގެން ފުރަތަމަ 4 މަހު ހިލޭ ދަތުރުތައް ކޮށްފައިވާކަން އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިޕާރޓްމަންޓްގެ މެނޭޖަރ އިބްރާހީމް މައުމޫން ފާހަގަ ކުރެއްވިއެެެވެ.

މިހާހިސާބަށް ފަސްލައްކައަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވިފައިވާ ކަމަށާއި، އެއީ ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެެ. އަދި ރޫޓްތައް އިތުރުކޮށްފައިވާނެ ކަމަށާއި، ބަސް އެޕެއް ތައާރަފް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ފެށީ 4 ބަހުން ނަމަވެސް، މިހާރު ޚިދުމަތް ދެމުން އަންނަނީ ޖުމްލަ 22 ބަހުން ކަމަށާއި، އޭގެތެރޭގައި ޑަބަލް ޑެކަރ 8 ބަސް ހިމެނޭ ކަމަށާއި، އެއަރޕޯޓަށްވެސް ބަހުގެ ޚިދުމަތް ދެމުން އަންނަކަން މައުމޫން ފާހަގަ ކުރެއްވިއެވެ.

އަދި ޚިދުމަތް ފަށައިގަތުމަށް ދިވެހި ޑްރައިވަރުން ތަމްރީނު ކުރެވުނު ކަމަށާއި، އެމްޕީއެލްގެ ބަސްތަކުގައި ޚިދުމަތް ދިނުމަށް ހަރަކާތްތެރިވަނީ ދިވެހިން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލުން ދެމުން އަންނަ ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ޖުލައި މަހުގެ 1ވަނަ ދުވަހު އެގްރީމެންޓްގައި ސޮއި ކުރުމަށް މިހާރުވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް