ފުޓްބޯޅަ މެޗުތަކުގައި ވަރަށް އާދަޔާ ޚިލާފު ކަންކަން ހިނގާފައި ހުރެއެވެ. އިއްތިފާގެކޭ ބުނެވޭ ބީދައިން އެއްގޮތް ކަންތައްތަކެއްވެސް ހިނގާފައި ހުރެއެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސޯޅަ ޓީމުގެ ބުރުގައި ހޯމަދުވަހުގެ ރޭ ސްޕޭނާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗާއި ފްރާންސާއި ސުވިޒަލެންޑް ބައްދަލުކުރި މެޗުގައި ލަނޑުޖަހާފައި ހުރީ ދާދި އެއްގޮތަކަށް އެއް ތަރުތީބަކުން އެއްވަގުތެއްގައި އެއްވަރަކަށެވެ. ދެ މެޗުގައިވެސް 90 މިނިޓުގެ ކުޅުމުގައި ފެނިގެންދިޔައީ 3-3 ގެ ނަތީޖާއެކެވެ. އެއް ،މެޗު އަނެއް މެޗާ ތަފާތުވެގެން ކަންކަން ފުރޮޅިގެން ދިޔައީ ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ ދެ ހާފުގައެވެ.
ސްޕޭނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ވިހި ވަނަ މިނިޓުގައެވެ. ސުވިޒަލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަނަރަ ވަނަ މިނިޓުގައެވެ. ސްޕޭނުން ކްރޮއޭޝިޔާއާ އެއްވަރުކުރި ލަނޑު ޖެހީ ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައެވެ. ފްރާންސުން ސުވިޒަލެންޑާ އެއްވަރުކުރި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު މެޗުގެ 57 ވަނަ މިނިޓުގައެވެ. ސްޕޭނުން ދެވަނަ ލަނޑު ޖަހައި ލީޑު ނެގީ 57 ވަނަ މިނިޓުގައެވެ. ފްރާންސުން ދެވަނަ ލަނޑު ޖަހައި ލީޑު ނެގީ 59 ވަނަ މިނިޓުގައެވެ.
ސްޕޭނުން ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނިޓުގައެވެ. ފްރާންސުން ސުވިޒަލެންޑް ކޮޅަށް ތިންވަނަ ގޯލް ޖަހައި ލީޑު ފުލާކުރީ މެޗުގެ 75 ވަނަ މިނިޓުގައެވެ. ސްޕޭނުކޮޅަށް ދެވަނަ ގޯލް ޖަހައި ކްރޮއޭޝިއާއިން ތަފާތު ކުޑަކުރީ 85 ވަނަ މިނިޓުގައެވެ. ސުވިޒަލެންޑުން ފްރާންސް ކޮޅަށް ދެވަނަ ގޯލް ޖަހައި ތަފާތު ކުޑަކުރީ 81 ވަނަ މިނިޓުގައެވެ. ސްޕޭނު ކޮޅަށް ތިން ވަނަ ގޯލް ޖަހައި ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކުރީ 90 މިނިޓު ހަމަވެގެން ދެވަނަ މިނިޓު ތެރޭގައެވެ. ފްރާންސް ކޮޅަށް ތިން ވަނަ ގޯލް ޖަހައި ސުވިޒަލެންޑުން ނަތީޖާ ހަމަހަމަކުރީ 90 ވަނަ މިނިޓު ތެރޭގައެވެ.
ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ ދެ ހާފުގައި އިތުރު ދެ ގޯލް ޖަހައިގެން 5-3 ން މޮޅުވެގެން ސްޕޭނު ކުއާޓަރ ފައިނަލަށް ދަތުރު ކުރިއިރު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ފްރާންސާއި ސުވިޒަލެންޑަށް ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަކުން ނަތީޖާ ނެރުމަށެވެ. އެގޮތުން ސުވިޒަލެންޑް ކުރި ހޯދީ 5-4ން ނެވެ. ކޮންމެއަކަސް މެޗުގެ 90 މިނިޓު ތެރޭގައި ފެނުނު ނަތީޖާ މި ދެމެޗުގައިވެސް އެއްގޮތްވުމާއި ގޯލްޖެހުމުގެ ތަރުތީބުވެސް އެއްގޮތްވުމާއި ނޭވާ ހިފަހައްޓާލަން ޖެހުުނު ވަގުތުކޮޅުތައް ވެސް އެއްގޮތް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ މިކަން ފާހަގަކޮށް ވާހަކަ ދައްކައިފައެވެ.
ސްޕޭނާއި ކްރޮއޭޝިއާ ކުޅުނު މެޗު އިތުރު ވަގުތަށް ގޮސްގެން މިފަހަރު ސްޕޭނުން ކާމިޔާބުކުރިއިރު މި ދެޓީމު ބައްދަލުކުރާ މެޗުތަކަކީ ވަކި ތަރުތީބަކުން ނަތީޖާ ފެންނަ މެޗުތަކަކަށް ވަނީ ވެފައެވެ. ފަހަކަށް އައިސް އެއްވެސް ބަޔަކަށް ޖެހިޖެހިގެން ދެ މެޗުން މޮޅެއް ނުވެވެއެވެ. މޮޅުވަނީ ފަހަރަކު ޓީމެކެވެ. ސްޕޭނުވަނީ 2012 ވަނަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ އަތުން މޮޅުވެފައެވެ. ކްރޮއޭޝިއާ ވަނީ ޖެހިގެން އައި ޔޫރޯގައި 2016 ވަނަ އަހަރު ސްޕޭން އަތުން މޮޅުވެފައެވެ. ސްޕޭނު ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުއޭފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަތުން މޮޅުވެފައެވެ. ހަމަ އެއަހަރު ނޮވެމްބަރު މަހު ހަމަ އެ މުބާރާތުގައި ކްރޮއޭޝިއާ ވަނީ ސްޕޭނު އަތުން މޮޅުވެފައެވެ.