ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލަށް ސްވިޓްޒަލެންޑް ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ބުކަރެސްޓުގެ ނެޝަނަލް އެރީނާގައި ކުޅުނު ދެވަނަ ބުރުގެ މެޗު ސްވިޓްޒަލެންޑުން ކާމިޔާބުކުރީ ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށްގެންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ސްވިޓްޒަލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރިސް ސެފެރޮވިޗެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސްވިޓްޒަލެންޑަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައިވެއެވެ. އެގޮތުން އެ ޓީމުގެ ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ގޯލް ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައެވެ.
އެއާއެކު ގާތް ގާތުގައި ދެ ލަނޑު ޖަހައި ކަރީމް ބެންޒެމާ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހުވެސް ފްރާންސްއިން ސްވިޓްޒަލެންޑްގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ.
އެކަމަކު އޭގެ ފަހުން ސްވިޓްޒަލެންޑުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 81 ވަނަ މިނެޓުގައި ސެފެރޮވިޗް ވަނީ ލަނޑެއް ޖަހައި ސްވިޓްޒަލެންޑަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓުގައި ސްވިޓްޒަލެންޑަށް ނަތީޖާ އެއްވަރުކޮށްދިނީ މާރިއޯ ގަވްރަނޮވިޗެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްވިޓްޒަލެންޑުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު ފްރާންސްގެ ކީލިއަން އެމްބާޕޭ ފޮނުވާލި ފަހު ޕެނަލްޓީ ސްވިޓްޒަލެންޑްގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއެކު ސްވިޓްޒަލެންޑް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސްޕެއިނާއެވެ.