ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މެޗުން ސްޕެއިން މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ސްޕެއިނުން ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ހާފުގެ މެދަކާ ހަަމައިން ސްޕެއިނުގެ ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ ގޯލްކީޕަރު އުނާއި ސިމޯނަށް ކޮންޓްރޯލްނުވެ ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސެޒާ އަޒްޕިލިކުއެޓާ ވަނީ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ސްޕެއިނަށް ލީޑު ފުޅާ ކޮށްދީފައެވެ.
އެކަމަކު މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި މިސްލާވް އޯސިޗް ކްރޮއޭޝިއާއަށް ފަރަގު ކުޑަކޮށްދިންއިރު، މެޗިގެ އިތުރު ވަގުތުގައި އެ ޓީމުގެ މާރިއޯ ޕަސަލިޗް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަދި ސްޕެއިނުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ޖަހައިދިނީ މިކޭލް އޮޔަރްޒަބަލެވެ.
މި މޮޅާއެކު ސްޕެއިން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.