ކ. މާލެ
|
28 ޖޫން 2021 | ހޯމަ 23:49
މެޗްތަކުގެ ނަތީޖާ ބެލުމަށް ބޭނުންކުރާ ޔަޝޯދާ
މެޗްތަކުގެ ނަތީޖާ ބެލުމަށް ބޭނުންކުރާ ޔަޝޯދާ
އަލްޖަޒީރާ
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް
 
މިއެތް ވަނީ މިހާތަނަށް އައިއިރު ޖަރުމަނު ކުޅުނު ހުރިހާ މެޗްތަކެއްގެ ނަތީޖާ ސީދާކޮށްފައި
 
މެޗުން މޮޅުވާ ގައުމެއް ޔަޝޯދާ ކަނޑައަޅާނީ އެ ގައުމެއްގެ ދިދަ ވިހުރުވާލައިގެން

ޔޫރޯ 2020ގެ މެޗްތަކުގެ ނަތީޖާ ލަފާކުރާ އެތެއްކަމުގައިވާ ޔަޝޯދާ ލަފާކުރާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ އިނގިރޭސިވިލާތާއި ޖަރުމަނު ބައްދަލުކުރާ މެޗުން މޮޅުވާނީ ޖަރުމަނެވެ. އުމުރުން 42 އަހަރުގެ މިއެތަކީ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ހަމްބާގުގައި ހުންނަ ޓިއާޕާކް ހާގެންބެކް ޒުލުގައި ގެންގުޅޭ އެތެކެވެ. މިއެތް ވަނީ މިހާތަނަށް އައިއިރު ޖަރުމަނު ކުޅުނު ހުރިހާ މެޗްތަކެއްގެ ނަތީޖާ ސީދާކޮށްފައެވެ. އެގޮތުން ޔޫރޯގައި އެންމެ ފުރަތަމަ ޖަރުމަނުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗްގައި ފްރާންސް އަތުން ބަލިވާނެކަމަށް އެތް ވަނީ ބުނެފައެވެ. އަދި ޕޯރޗުގަލް ކައިރިން މޮޅުވާނެކަމަށާއި ހަންގޭރީ މެޗުން އެއްވަރުވާނެ ކަމަށް އެތް ވަނީ ބުނެފައެވެ.

ޔަޝޯދާ ތަމްރީނު ކުރަމުން އަންނަނީ މައިކަލް ޝްމިޓްއެވެ. ޝްމިޓް ބުނީ، ޔޫރޯގައި ކުޅޭ މެޗުތަކުގެ ނަތީޖާ ލަފާކުރަން މި އެތް ބޭނުންކުރާއިރު، މެޗުން މޮޅުވާ ގައުމެއް ޔަޝޯދާ ކަނޑައަޅާނީ އެ ގައުމެއްގެ ދިދަ ވިހުރުވާލައިގެން ކަމަށެވެ. އެގޮތުން މެޗުގައި ވާދަކުރާ ދެ ގައުމުގެ ދިދަތައް ފޮއްޓެއްގެ ތެރޭގައި ބަހައްޓާއިރު، އެ ފޮށިން ޔަޝޯދާ ނަގާނީ އެ މެޗުން މޮޅުވާނެ ކަމަށް ލަފާކުރާ ގައުމުގެ ދިދައެވެ. އަދި ދެ ގައުމުގެ ދިދަ ޔަޝޯދާ ނަގައިފިނަމަ، އެ މެޗު އެއްވަރުވާނެ ކަމަށްވެސް ޝްމިޓް ވަނީ ބުނެފައެވެ.

އެގޮތުން ކުރިޔަށް އޮތް ޖަރުމަނާއި އިނގިރޭސިވިލާތުގެ މެޗާއި ދިމާކޮށް ޔަޝޯދާ ނަގާފައިވަނީ ޖަރުމަނުގެ ދިދައެވެ. މިއާއެކު ޖަރުމަނުގެ ސަޕޯޓަރުންގެ މޫނުމައްޗަށް މިވަނީ ވަރަށް ބޮޑަށް ހިނިތުންވުން ގެނުވާފައެވެ.

ބޮޑެތި ފުޓް ބޯޅަ މުބާރާތްތަކުގެ މިގޮތަށް ޖަނަވާރުން ބޭނުންކޮށްގެން އަންނަނީ މެޗްތަކުގެ ނަތީޖާ ކުރީބައިގައި ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތަށް ބައެއް ފަހަރު މެޗްތަކުގެ ނަތީޖާ ދިމާކޮށްފައި ހުރިނަމަވެސް އަނެއް ބައި ފަހަރު ދިމާވެފައެއް ނުހުރެއެވެ.

2010 ވަނަ އަހަރު ބޭއްވި ވޯރލްޑް ކަޕްގައި ޕައުލް ކިޔާ ބޯވައެއް ވަނީ އެފަހަރުގެ މުބާރާތުގައި ޖަރުމަނު ކުޅުނު 7 މެޗްގެ ނަތީޖާވެސް ދިމާކޮށްފައެވެ. އެފަހަރުގެ މުބާރާތުގައި ސެމީފައިނަލްގައި ސްޕެއިން އާއި ޖަރުމަނު ކުޅުނު މެޗްގައި ސްޕެއިން މޮޅުވާނެކަމަށް ޕައުލް ވަނީ ބުނެފައެވެ. ޕައުލް ބުނ ނަތީޖާ ދިމާވުމުން ޖަރުމަނުގެ ސަޕޯޓަރުން ރުޅިއައިސްގެން އެމެޗަށްފަހު ޕައުލް މަރާލުމަށްވެސް ވަނީ ގޮވާލާފައެވެ. އެއާއެކު ސްޕެއިންގެ ބޮޑުވަޒީރު ވަނީ ޕައުލް އަށް ޚާއްސަ ހިމާޔަތެއްވެސް ދީފައެވެ.

މެޗުތަކުން މޮޅުވާ ޓީމުތައް ދެގެނަތުމަށް ތަފާތު އެކި ބާވަތްތަކުގެ ޖަނަވާރު ބޭނުންކުރުމުގެ އިތުރުން ތަފާތު އެހެން ގޮތްގޮތްވެސް އަންނަނީ ބޭނުންކުރަމުންނެވެ. ސޯޝަލް މީޑިޔާ ބޭނުންކުރާ ފަރާތްތަކުން އަންނަނީ މޮޅެތި ގޮތްތައް ހޯދަމުންނެވެ.

މިގޮތުން މިފަހަރުގެ މުބާރާތާ ދިމާކޮށް 24 ކާރު ޓްރެޑްމިލް އަކަށް ލައިގެން މުބާރާތް ކާމިޔާބުކުރާނެ ޓީމެއް ކަނޑައަޅާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ. ރައުންޑް އޮފް 16 ގައި ހިމެނޭ ޓީމުތައް ޓްރެޑްމިލް އަށް ލުމަށްފަހު ބެލިއިރު ޗެމްޕިއަންކަން ލިބޭނީ ފްރާންސަށް ކަމަށްވެއެވެ.

ކޮންމެއަކަސް ކޮންމެ ފަހަރެއްގެ ޔޫރޯ އާއި ވޯރލްޑް ކަޕާ ދިމާކޮށް މިފަދަ ޝައުގުވެރި ކަންކަން އަބަދުވެސްކޮށްއުޅެއެވެ. މިފަހަރު ނަތީޖާ ބެލުމަށް މިބޭނުންކުރާ އުކުޅުތަކުގެ ތެރެއިން ކާމިޔާބުވާނީ ކިހާ މިންވަރެއްކަން އެނގޭނީ އަދި މުބާރާތް ނިމުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
23%
8%
8%
15%
46%
0%
ކޮމެންޓް
30 ޖޫން 2021 | ބުދަ 11:16
މުއްތަލިބު
އެތް ބުނި ބަސް ދިމަލެއް ނުވިއެއްނު. އެއޮތީ އިންގްލެންޑު މޮޅުވެފަ. ދެން ތި އެތް ބުނާ އެއްޗެއް ގަބޫލެއް ނުކުރާނަން!