މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުހައްމަދު ފަލާހު ވިދާޅުވީ ޑރ. ހުސައިން ރަޝީދަށް ރުހުންދިނުމުގެ ކަންތަކުގައި ކުރިން އަރާފައިވާ އޮޅުންތައް މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރގެ އެއްވެސް ހިއްސާއެއް ކުންފުންޏެއްގައި ނެތްކަން އިކޮނޮމިކް މިނިސްޓްރީން ސާފުކޮށްދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
މިނިސްޓަރާ ގުޅޭގޮތުން ކަންކަން ސާފުވެފައިވާތީ މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދުދާއިރާގެ މެންބަރ ހުސައިން މުހައްމަދު ދީދީއެވެ. މިއާއެކު މިނިސްޓަރަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އެހުނެވެ. މިވޯޓުގައި ބައިވެރިވެވަޑައިންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ގެ މަގާމަށް ޑރ. ހުސައިން ރަޝީދު ހަސަން އައްޔަނުކުރެއްވީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ. ހުސައިން ހުންނެވީ އެންވަޔަރުންމެންޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ޑރ. ހުސައިނަކީ މީގެ ކުރިން ވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ ރައީސް ނަޝީދުގެ ދައުރުގައެވެ.
ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނެފައިވަނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް" ޝުކުރުއަދާކުރައްވާފައި ކަމަށެވެ.
ޒަހާ އިސްތިއުފާ ދެއްވީ ކެބިނެޓާއި ސިޔާސަތުތަކަށް ބަދަލު ގެނެސް ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ވިސްނެވުންތަކެއް ރައީސް ގެންގުޅުއްވާ ކަން ރައީސް އޮފީހުން އިއުލާންކޮށްފައި ވަނިކޮށެވެ. ބޭނުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް އަވަހަށް ފުއްދަވައި ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެއްވުމެވެ.