ކ. މާލެ
|
28 ޖޫން 2021 | ހޯމަ 02:24
ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 1-0 ން
ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި ބެލްޖިއަމް ކުއާޓާއަށް
ކުއާޓާގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ އިޓަލީއާ
ޕޯޗުގަލް އަތުން ބެލްޖިއަމް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާގައި ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 2012 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން ބަލިވި ފަހުން މި މުބާރާތުގެ ނޮކައުޓް މެޗަކުން ޕޯޗުގަލް ބަލިވި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަވަނަ މިނެޓުގައި ޕޯޗުގަލުގެ ޑިއެގޯ ޖޮޓާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ބެލްޖިއަމުގެ ކެޕްޓަން އެޑިން ހަޒާޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި ބެލްޖިއަމުން ލީޑު ނަގާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލުން ބޯޅަ ކޮންޓްރޯލްކޮށްގެން ބެލްޖިއަމުގެ ހާފަށް ނުރައްކާކުރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ޖޮޓާ ފޮނުވާލި ނުރައްކާތެރި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ޕޯޗުގަލުގެ ރަފެއެލް ގަރޭރޯ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މޮޅާއެކު ބެލްޖިއަމް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ އޮސްޓްރިއާ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި އިޓަލީއާއެވެ.

- ކޮމެންޓް