ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 03:01
އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-1 ން
އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
އިތުރު ވަގުތުގައި އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓާއަށް
ކުއާޓާގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް ނުވަތަ ބެލްޖިއަމާ
އޮސްޓްރިއާ އަތުން އިޓަލީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިތުރު ވަގުތުގައި އޮސްޓްރިއާ ބަލިކޮށް ދެވަނަ ބުރަށް އިޓަލީ ދަތުރުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 31 މެެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އައު ރެކޯޑެކެވެ. އެކަމަކު މި މެޗުގައި އިޓަލީ ކޮޅަށް ވަނީ 11 މެޗަށް ފަހު ގޯލެއް ވަދެފަ އެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން މޮޅަށް ކުޅުނުއިރު، މި ހާފުގައި އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އިމޮބިލޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 67 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާކޯ އަނައުޓޮވިޗް ވަނީ ލަމޑެއް ޖަހާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ލަނޑެއް ޖެހިފައި ނުވާތީ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފެޑެރީކޯ ކިއޭސާއެވެ. އަދި އޭގެ 10 މިނެޓު ފަހުން އިޓަލީން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަޓެއޯ ޕެސީނާއެވެ.

އެކަމަކު އޮސްޓްރިއާއިން ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާސާ ކަލައިޖިޗެވެ. މިއީ މިދިޔަ 12 މެޗުގައި އިޓަލީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު އިޓަލީ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

- ކޮމެންޓް