ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 07:20
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ތިންލައްކަ ސޯޅަހާހަށް
 
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިން
 
ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 186،777ށް އަރާފައި

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 316،069 (ތިންލައްކަ ސޯޅަ ހާސް ފަސްދޮޅަސް ނުވަ)އަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުކުރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 94 މީހުންނެވެ. ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ދުވަހެއް ނޫނެވެ. އެހެންކަމުން އެދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގައެވެ.

ހުކުރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 206 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 186،777ށް އަރާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނައިރު، އެސްޓްރަޒެނިކާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ލައްކަ ޑޯޒް އަންނަ މަހު ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް ފައިސާ ވެސް ދައްކާފައެވެ. މީގެއިތުރުން އެމެރިކާއާއި ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް