ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 01:38
ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު
ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު
ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ނަމަވެސް ވާތް ފަރާތް ހުންނަނީ އައްސިވެފައި: ރައީސް ނަޝީދު
 
ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް އަދި ކުރަންޖެހޭ
 
ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް ނަޝީދު ވިދާޅުވި
 
އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށް ނަޝީދު ވިދާޅުވި

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ހާލުކޮޅު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ނަމަވެސް ހަށިކޮޅުގެ ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން އަދިވެސް ހުންނަނީ އައްސިވެފައިކަމަށް ވިދާޅުވެއްޖެއެވެ.

ހަމަލާއަށްފަހު ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވާފައި މިވަނީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުގެ މިހާރު ހާލަތާއި ގުޅޭގޮތުން ވަނީ ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ޑޮކްޓަރުން ވިދާޅުވާ ގޮތުންނަމަ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅުކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން ހުންނަނީ އައްސިވެފައި ކަމަށާއި އެ އައްސި ކަނޑައިގެން ދާން ދުވަސްތަކެއް ނަގާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީ އެންމެ އަވަހަކަށް ރާއްޖެ ވަޑައިގަތުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައިވެސް ވަނީ އިތުރު އޮޕަރޭޝަންތަކެއް ކުރައްވާފައެވެ. ފައިގެ އޮޕަރޭޝަނެއް ކުރައްވާފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ސީދާ ގޮތުން ބައިވެރިވި 5 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު މިހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ މާލެ އާއި އަތޮޅު ތެރޭގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު އަންނަ ޖުލައި މަހު ނިމޭނެކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް އަރުވަމުން ގެންދިޔަ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
29%
0%
71%
0%
0%
0%
ކޮމެންޓް