ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 23:12
ވޭލްސް އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 4-0 ން
ވޭލްސް އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑެންމާކް މޮޅުވީ 4-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓާއަށް
ކުއާޓާގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް ނުވަތަ ޗެކް ރިޕަބްލިކާ
ކުއާޓާ ފައިނަލް މެޗުން ޑެންމާކް މޮޅުވީ ވޭލްސް އަތުން 4-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުން ޑެންމާކް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކުން މި މުބާރާތުގެ ކުއާޓާއިން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗު ފަށައިގެން ވޭލްސްއިން ޑެންމާކުގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ތަރި ގެރެތު ބޭލް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޑެންމާކުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޑޯލްބާގް ވަނީ އިތުރު ލަނޑެއް ޖަހައި ވޭލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ޑެންމާކުން އިތުރު ލަނޑެއް ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަތިއަސް ޖެންސެންއެވެ. އަދި ޑެންމާކުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓީން ބްރެތުވެއިޓެވެ.

ވޭލްސްއިން މި މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 89 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެރީ ވިލްސަންއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު ޑެންމާކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

- ކޮމެންޓް