ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 15:49
ފްރާންސްގެ ފޯވަޑް ކަރީމް ބެންޒޭމާ ބައިވެރިވި ނޫސް ކޮންފަރެންސްގައި އޭނާގެ ކުރިމަތިން ފެނުނީ ފެންފުޅިތަކެއް
ފްރާންސްގެ ފޯވަޑް ކަރީމް ބެންޒޭމާ ބައިވެރިވި ނޫސް ކޮންފަރެންސްގައި އޭނާގެ ކުރިމަތިން ފެނުނީ ފެންފުޅިތަކެއް
ފްރާންސް 24
މުސްލިމް ކުޅުންތެރިންނަށް އިހުތިރާމްކުރުން
މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ބިއަރު ފުޅިފުޅި ނުބަހައްޓާގޮތަށް ނިންމައިފި
 
ކޮކާކޯލާ ފަދަ އުފެއްދުމެއް ދުރަށް ޖައްސައިފިއްޔާ ޖުރިމާނާ ކުރަން ވަނީ ނިންމާފައި
 
ހައިނެކެންގެ އެއްވެސް އުފެއްދުމެއް މުސްލިމް ކުޅުންތެރިއެއްގެ ކުރިމަތީގައި ނުބަހައްޓާނެ

އެލްކޮހޯލް ހިމެނޭ ބުއިންތައް މުސްލިމް ކުޅުންތެރިން ބައިވެރިވާ ނޫސްކޮންފަރެންސްތަކުގައި އިޝްތިހާރު ނުކުރެވޭ ގަވާއިދަކަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއޭފާއިން އަމަލު ކުރަން ފަށައިފިއެވެ.

އާ ގަވައިދުގެ ދަށުން ހައިނެކެން ބިއަރު ފަދަ އުފެއްދުންތައް މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ބެހެއްޓުން ލާޒިމެއް ނޫނެވެ. އެއީ އެލްކޮހޯލަކީ އިސްލާމްދީނުގައި ހަރާމް އެއްޗަކަށްވާތީ މުސްލިމް ކުޅުންތެރިންގެ ދީނީ ފިކުރަށް އިހުތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ހެއިނެކެންގެ އެލްކޮހޯލް ނެތް ބުއިމަކަށް ވިޔަސް ކުންފުނީގެ މައިގަޑު ވިޔަފާރިއަކީ އެލްކޮހޯލް ހިމެނޭ ބުއިންތައް ކަމަށްވާތީ މި ގަވާއިދުގެ ދަށުން ހައިނެކެންގެ އެއްވެސް އުފެއްދުމެއް މުސްލިމް ކުޅުންތެރިއެއްގެ ކުރިމަތީގައި ނުބެހެއްޓޭނެއެވެ.

މި ނިންމުން އައީ ފްރާންސުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޓީމުގެ ޕޯލް ޕޮގްބާގެ ކުރިމަތީގައި ހުރި ހައިނެކެން ބިއަރު ފުޅިއެއް އޭނާ އަމިއްލައަށް ދުރަށް ޖެއްސުމުންނެވެ. އޭގެ ފަހުން ފްރާންސްގެ އެހެން ޕްރެސް ކޮންފަރެންސެއްގައި ކަރީމް ބެންޒޭމާގެ ކުރިމަތީގައި އެކަހަލަ ފުޅިއެއް ނެތިފައި އެހެން ކުޅުންތެރިންގެ ކުރިމަތީގައި ހުރުމުން މިކަމަކީ ކޮންގޮތަކަށް ހަމަޖެހުނު ކަމެއްތޯ ނޫސްވެރިން ވަނީ ސުވާލުވެސް އުފައްދައިފައެވެ.

ބައެއް ކުޅުންތެރިންގެ ދީނީ ފިކުރަށް އިހުތިރާމް ކުރުމުގެ ގޮތުން އެ ކުޅުންތެރިންގެ ކުރިމަތީގައި ރަލުގެ ބާވަތްތައް އިޝްތިހާރު ނުކުރަން ޔުއޭފާއިން ނިންމި ނިންމުމަށް ހައިނެކެން ކުންފުނިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ކުންފުނިން ބުނެފައިވަނީ އެމީހުން އުފައްދަނީ ހަމައެކަނި އެލްކޮހޯލް ބުއިންތައް ނޫންކަމަށާއި އެލްކޮހޯލް ނުހިމެނޭ ބުއިންތައްވެސް އުފައްދާ ކަމަށެވެ. އެހެންވީމާ ދީނީ ފިކުރަކަށް ވިޔަސް ކުންފުނީގެ ވިޔަފާރި މަރުކާގެ މައްސަލައެއް އޮވެގެންވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެއެވެ.

މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި އެލްކޮހޯލް އިޝްތިހާރު ނުކުރުމަށް ޔުއޭފާއިން ނިންމިއަސް ކޮކާކޯލާފަދަ ކުންފުނިތަކުގެ އުފެއްދުންތައް ކުޅުންތެރިން ދުރަށް ޖައްސައި ފޮރުވާނަމަ ޖޫރިމަނާ ކުރުމުގެ އުސޫލެއް ޔުއޭފާއިން ވަނީ މިހާރު ތައާރަފުކޮށްފައެވެ. އެގަވައިދު ތައާރަފުކުރީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވި ނޫސް ކޮންފަރެންސެއްގައި އޭނާގެ ކުރިމަތީގައި ހުރި ދެފުޅި ކޮކާކޯލާ ނަގައި ފޮރުވައި ފެންފުޅިއެއް ދައްކާފައި އެންމެ މޮޅީ ފެނޭ ބުނި ހާދިސާއަށް ފަހުގައެވެ.

ސްޕޮންސަރުންގެ އުފެއްދުންތައް ކުޅުންތެރިން ބައިކޯޓު ކުރުމުގެ ތަފާތު ދެ ހާދިސާއަށްފަހު މިކަމާމެދު ކުޅުންތެރިންނާއި ކޯޗުން ވަނީ ވާހަކަ ދައްކައިފައެވެ. ކޮކާކޯލާ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރ އަދި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފައިވަނީ ވަކި އުފެއްދުމެއް ފެނިގެން ކުޅުންތެރިންގެ ގައިގައި ހިރުވަންވީ ސަބަބެއް ނުވިސްނޭ ކަމުގައެވެ. އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފައިވަނީ ސްޕޮންސަރުންގެ ފައިސާއާ ނުލައި ކުޅިވަރު ތަރައްގީ ނުކުރެވޭއިރު ސްޕޮންސަރުންނާމެދު މިއަށްވުރެ ހެޔޮ ވިސްނުމަކުން ވިސްނަން ވާނޭ ކަމުގައެވެ. އެކަމަކު ރޮނާލްޑޯ ކަންކުރި ގޮތާއި ޕޮގްބާ ކުރިގޮތުގައި ތަފާތުތަކެއް ހުރި ކަމަށް ގަބޫލު ކުރާކަމަށްވެސް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
92%
0%
8%
0%
0%
ކޮމެންޓް