ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 16:01
ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
 
ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ފަސް ލަނޑާއެކު ރޮނާލްޑޯ
 
ލުކާކޫ އާއި ވައިނަލްޑަމް ވަނީ މިހާތަނަށް ތިން ލަނޑު ކާމިޔާބުކޮށްފައި

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފޯރިގަދަ މެޗުތަކެއް ވަނީ ފެނިގެންގޮސްފައެވެ. މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވުނު ބައެއް ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް، އަނެއްބައި ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިފައެވެ.

1. ކްރިސްޓިއާނޯ ރޮނާލްޑޯ

މުބާރާތުގެ އެންމެ ވިދުން ގަދަވި އެއް ކުޅުންތެރިއަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން 36 އަހަރުގެ ފޯވާޑުގެ ފަރާތުން މި އަހަރުގެ މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު، ރޮނާލްޑޯ ވަނީ ޕޯޗަގަލުން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު ޖަހާފައެވެ، މި މުބާރާތުގައި ރޮނާލްޑޯ ޖެހި ފަސް ލަނޑާއެކު އޭނާ އޮތީ މި އަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ. އަދި މި އަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. އެގޮތުން ރޮނާލްޑޯ 14 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ދެވަނައިގައި އޮތް ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީއަށް ކާމިޔާބުކުރެވިފައިވަނީ ނުވަ ލަނޑެވެ.

މީގެ އިތުރުން މި ފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ވަނީ އެންމެ ގިނަ ޔޫރޯގައި ކުޅުމާއި، ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑުތައްވެސް ހަދާފައެވެ. އަދި މި މުބާރާތުގައި ޖެހި ލަނޑުތަކާއެކު ރޮނާލްޑޯ މިހާރު ވަނީ ގައުމީ ޓީމުގެ ޖާޒީގައި 109 ލަނޑު ޖަހާފައެވެ. އެއާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން އީރާނުގެ އަލީ ދާއީގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

2. ރޮމެލޫ ލުކާކޫ

ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ - ގެޓީ އިމޭޖަސް

ގްރޫޕް ސްޓޭޖުގައި ބެލްޖިއަމުން ކުޅުނު ތިން މެޗުގައިވެސް އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔަކީ އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މިއަ ހަރުގެ ޔޫރޯގައި އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލުކާކޫ ވަނީ މިހާތަނަށް މި މުބާރާތުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބެލްޖިއަމުން މި މުބާރާތުގައި ކާމިޔާބުކުރި އެހެން ލަނޑުތަކުގައިވެސް ލުކާކޫގެ ހިއްސާ ބޮޑެވެ.

3. ޕައުލް ޕޮގްބާ

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ - ގެޓީ އިމޭޖަސް

މި ލިސްޓުގެ ތިންވަނައިގައި ހިމެނޭ ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. ޔޫރޯ ފެށުމުގެ ކުރިން ގިނަ ބަޔަކު ޕޮގްބާގެ ފޯމާ މެދު ސުވާލު އުފެއްދިއެވެ. އެކަމަކު ޔޫރޯގެ މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއެކު ޕޮގްބާ އެ ސުވާލުތަކަށް ޖަވާބު ދީފައެވެ. ފްރާންސްއިން މި މުބާރާތުގައި ކުޅުނު މެޗުތަކުގައި ޕޮގްބާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ އެއްވަނަ ފްރާންސްއަށް ލިބުމުގައި ޕޮގްބާގެ ދައުރު މުހިންމެވެ.

4. ކެވިން ޑި ބްރޭނާ

ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ - ގެޓީ އިމޭޖަސް

މި މުބާރާތުގައި ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ނުކުޅެވުނު ނަމަވެސް، ދެވަނަ މެޗުގެ ފަހު ހާފުގައި ކުޅެން އަރައި ޑި ބްރޭނާ ވަނީ އޭނާއަކީ ބެލްޖިއަމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ޑި ބްރޭނާ ކުޅެން އެރިއިރު، ބެލްޖިއަމް އޭރު އޮތީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅެން އަރައި ލަނޑެއް ޖެހުމަށް މަގުފަހުކޮށްދީ، އެ މެޗުން ބެލްޖިއަމް މޮޅުކޮށްދިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑި ބްރޭނާއެވެ. އަދި ފިންލެންޑް އަތުން ބެލްޖިއަމް މޮޅުވި މެޗުގައިވެސް ލުކާކޫއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑި ބްރޭނާއެވެ.

5. ޖިއޮޖީނިއޯ ވައިނަލްޑަމް

ނެދަލެންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް - ގެޓީ އިމޭޖަސް

ނެދަލެންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އަންނަނީ މި އަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ސައްތައިން ސައްތަ ރިކޯޑަކާއެކު ޔޫރޯގެ ދެވަނަ ބުރަށް ނެދަލެންޑްސް ދަތުރުކޮށްފައިވާއިރު، ކުޅުނު ތިން މެޗުން މޮޅުވެ ނެދަލެންޑްސް ދެވަނަ ބުރަށް ދިޔުމުގައި ވައިނަލްޑަމްގެ ދައުރު ބޮޑެވެ. އެގޮތުން މި އަހަރުގެ މި މުބާރާތުގައި ވައިނަލްޑަމް ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
53%
6%
6%
18%
6%
12%
ކޮމެންޓް