ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 09:48
މުމްބާއީގެ މަގުމަތީގައި މީހަކު ބައިސްކަލުގައި ދަނީ
މުމްބާއީގެ މަގުމަތީގައި މީހަކު ބައިސްކަލުގައި ދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ޑެލްޓާ ޕްލަސް ވޭރިއަންޓާއެކު އިންޑިޔާގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު
މަހަރާޝްތްރަ ސްޓޭޓުން ޑެލްޓާ ޕްލަސް ވޭރިއަންޓްގެ 20 ކޭހެއް ފެނިފައިވޭ
ޖޫން މަހުގެ 11 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ވަނީ ޑެލްޓާ ވޭރިއަންޓާއި ގުޅުންހުރި ވޭރިއަންޓެއް އެގައުމުން ފެނިފައިވާކަމަށް ބުނެފައި
މިހާތަނަށް އައިއިރު 11 ގައުމަކުން ވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައި

އިންޑިޔާގައި ޑެލްޓާ ޕްލަސް ވޭރިއަންޓް ފެތުރެމުންދާތީ ފިޔަވަޅުތަކަށް ލުއި ދިނުން ފަސްކޮށްފިއެވެ.

އެގޮތުން އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ މުމްބާއީ ހިމެނޭ މަހަރާޝްތްރަ ސްޓޭޓުން އަލަށް ފެނިގެން އުޅޭ ޑެލްޓާ ޕްލަސް ވޭރިއަންޓްގެ 20 ކޭހެއް ފެނިފައިވާކަމަށް އަންގާރަ ދުވަހު އެގައުމުން ވަނީ ބުނެފައެވެ. އެއާއެކު މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި އިންޑިޔާގެ ހެލްތު މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މާނައަކީ އެވޭރިއަންޓަކީ އަވަހަށް ފެތުރޭ މިވޭރިއަންޓް ޖެހިއްޖެނަމަ އަވަހަށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހި ނުވަތަ މަރުވުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެކެވެ.

މިވޭރިއަންޓްގެ ކޭސްތައް ފެނުމާއެކު ހުކުރު ދުވަހު މުމްބާއީގެ މޯލްތަކާއި ސިނަމާތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އޭޕްރީލް މަހު އިންޑިޔާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރާފައިވާއިރު މިހާރު އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ. އެހެންކަމުން އެކި ސްޓޭޓްތަކުގައި އަންނަނީ ފިޔަވަޅުތަކަށް ލުއިތައްދެމުންނެވެ. ނަމަވެސް މި އައު ވޭރިއަންޓާއެކު ބައެއް ސަރަހައްދުތަކުގައި ފިޔަވަޅުތަކަށް ލުއިތައް ދިނުން ވަނީ މަޑުޖައްސާލާފައެވެ.

ޑެލްޓާ ވޭރިއަންޓްގެ އަސްލު އަދި ހޯދިފައިނުވިނަމަވެސް އެންމެ ފުރަތަމަ މިވޭރިއަންޓް ދެނެގަނެވިފައިވަނީ އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތަށެވެ. ޖޫން މަހުގެ 11 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ބުނެފައިވަނީ އިންޑިޔާއިން މިދިޔަ އަހަރު ފެނުނު ޑެލްޓާ ވޭރިއަންޓާއި ގުޅުންހުރި ވޭރިއަންޓެއް އެގައުމުން ފެނިފައިވާކަމަށެވެ.

އިންޑިޔާގައި ކޮވިޑްގެ ކޭސްތައް މިހާރު މަދުވަމުން އަންނައިރު މިފެނުނު އައު ވޭރިއަންޓާއެކު އިންޑިޔާގެ ހާލަތު ގޯސްވެދާނެކަމުގެ ބިރު ހީވެފައިވާކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް މަހާރަޝްތްރަ ހިމެނޭހެން ގިނަ ސްޓޭޓްތަކެއްގައި އަންނަނީ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ.

މަހާރަޝްތްރަ ސްޓޭޓްގެ ސީނިއަރ އޮފިޝަލަކު ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނީ ޕޮޒިޓިވްވާ ރޭޓާއި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށްވަމުން އަންނަކަމަށެވެ. ނަމަވެސް ބައެއް ހިސާބުތަކުގައި ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނަކަމަށެވެ.

އެހެންނަމަވެސް ކޭސްތައް އިތުރުވާން ފަށާފައިވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުންކަމެއް ނުވަތަ އައު ވޭރިއަންޓްގެ ސަބަބުން ކަމެއް އަދި ނޭންގޭކަމަށް އޮފިޝަލް ބުންޏެވެ. ނަމަވެސް މިއީ ކަންބޮޑުވާކަމެއްކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް އައިއިރު 11 ގައުމަކުން ވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައެވެ.

އައު ވޭރިއަންޓްތައް ފެންނަމުން ދިޔުމަކީ އިންޑިޔާއަށް ނުރައްކާތެރި ކަމެކެވެ. އެއީ އިންޑިޔާގެ އާބާދީގެ ދެ ބައިކުޅަ އެއްބަޔަށްވެސް އަދި ވެކްސިން ދެވިފައިނުވެއެވެ. އިންޑިޔާގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން ދެ ޑޯޒް ޖެހިފައިވަނީ އަދި 5.6 އިންސައްތަ މީހުންނަށެވެ. އެއީ 950 މިލިއަން މީހުންނެވެ.

އިންޑިޔާގައި މިހާތަނަށް ޑެލްޓާ ޕްލަސް ވޭރިއަންޓްގެ 48 ކޭސް ވަނީ ފެނިފައެވެ. އަދި މިވޭރިއަންޓަށް މިހާރު އުފައްދާފައި ހުރި ވެކްސިންތައް މަސައްކަތްކުރޭތޯ އަންނަނީ ޓެސްޓް ކުރަމުންނެވެ.

އިންޑިޔާ ކައުންސިލް އޮފް މެޑިކަލް ރިސަރޗްގެ ހެޑް ބަލްރަމް ބާރްގަވާ ވިދާޅުވީ ޑެލްޓާ ޕްލަސް ވޭރިއަންޓް ވެކްސިނަށް މަސައްކަތްކުރޭތޯ ބެލުމަށް ކުރަމުންދާ ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ 7 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށެވެ.

މަހާރަޝްތްރަ ސްޓޭޓްގެ 126 މިލިއަން މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 30 މިލިއަން މީހުންނެވެ.

އެސްޓޭޓްގެ ޗީފް މިނިސްޓަރ އުއްދަވް ތަކެރޭ ވިދާޅުވީ ވިޔަފާރިތައް އެހާ އަވަހަށް ހުޅުވާލުން ރަނގަޅު ނޫންކަމަށެވެ. މީހުން ތޮއްޖެހިގެން އެކުލަވާލާފައިވާ ގައިޑްލައިނާ ޚިލާފަށް އުޅޭނަމަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އިންޑިޔާގައި މިހާތަނަށް އައިއިރު 30.13 މިލިއަން މީހުންނަށް ވަނީ މިހާތަނަށް އައިއިރު ކޮވިޑް ޖެހިފައެވެ. އަދި 393،310 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް