ދިވެހިރާއްޖެއަކީ ކުޑަކުޑަ ގައުމަކަށްވިޔަސް އިސްލާމީ އުއްމަތުގައި ދިވެހިރާއްޖެއަކީ ނަމޫނާ ދައްކާ ވަރަށް ހަރުދަނާ ދައުލަތެއް ކަމަށް ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައަލާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ވަލީދު އަބޫ އަލީ ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު އެއްކުރުމަށް ރާއްޖެ ޓީވީން އިންތިޒާމްކުރި ޚާއްސަ ޓެލެތޯނުން އެއްކުރެވުނު ފައިސާގެ ޗެކާ ހަވާލުވެވަޑައިގަތުމަށް ވާރޗުއަލްކޮށް ހުކުރުދުވަހު މެންދުރުފަހު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބޫ އަލީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދިވެހިންގެ ގުޅުމަކީ ހިތާއި ހިތުގެ ގުޅުމެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހިންނާމެދު އޮންނަނީ އަބަދުވެސް އަޚުވަންތަކަމާއި އިހުތިރާމް ކަމުގައެވެ. ކުރިއަށްއޮތް ތަނުގައިވެސް މިކަން ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަސްކަރިއްޔާއިން އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ގެދޮރު ތަޅައި ސުންނާފަތިކޮށް ދިރިއުޅުން ބަރުބާދުކުރަމުން ދިޔައިރު ހިމޭނުން ނޯވެ ދިވެހިރާއްޖެއިން ހައްގު ބަސް ބުނެ ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބިކަން ހާމަކޮށްދިނުމަކީ ދުނިޔެއިން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއްކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.
މެދުއިރުމައްޗަށް ދާއިމީ ހަގީގީ ސުލްހައެއް އަންނާނީ އަދި މެދުއިރުމަތީގެ އެންމެހައި ރައްޔިތުންނަށް ހަގީގީ ހަމަޖެހުމެއް ލިބޭނީ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ސަފީރު އަބޫ އަލީ ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި ސާބިތުކަމާއެކު ވަކާލާތުކުރުންމަތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިއޮންނާތީ ފަލަސްތީނުގެ ސަފީރުވަނީ ޝުކުރު އަދާކުރައްވައިފައެވެ. ދިވެހިންގެ ސާބިތުކަމުން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމުގައިވެސް ވިދާޅުވިއެވެ.
ފަލަސްތީނާއި ދިވެހިންގެ ގުޅުމުގެ ޒަމާންވީ ތާރީޚަށް އަލިއަޅުވައިލައްވަމުން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އެތަކެއް ފަހަރުމަތިން ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ އެކި މުއުތަމަރުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަކަމާއި ދިވެހީންނަށް ވެދެވެން އޮންނަ އެހީއެއް އެވަގުތަކު ފަލަސްތީނުގެ ރައްޔިތުންނަށް ވެދެމުން އަންނަކަން ސަފީރު އަބޫ އަލީ ފާހަގަ ކުރެއްވިއެވެ. މިކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހިންނަށް ޝުކުރުވެރިކަން އުތުރިއަރާ ކަމަށްވެސް ވިދާޅުވިއެވެ.