ފަލަސްތީނުގެ މައުސޫމް ރައްޔިތުން އިޒްރޭލުގެ އަނިޔާވެރިކަން ވަރަށް ދިގު މުއްދަތަކަށް ބަރުދާސްތުކޮށްފި ކަމަށާއި މިއީ ފަލަސްތީނުގެ ހައްގުތައް ރުޖޫއަކޮށްދިނުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު އެއްކުރުމަށްޓަކައި ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނުން އެއްކުރެވުނު ފައިސާގެ ޗެކް ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ހުކުރުދުވަހު މެންދުރު ފަހު ވާރޗުއަލްކޮށް ފަލަސްތީނުގެ ސަފީރު ވަލީދު އަބޫ އަލީއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ބޭނުންވަނީ ފުރިހަމަ މިނިވަން ދައުލަތެއް ކަމަށާއި މިއީ އެއަމާޒަށް ވާސިލްވުމަށް އެންމެން އަތުގުޅާލަންވީ ވަގުތު ކަމަށެވެ.
ދިވެހިރާއްޖެ އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށްކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ އދގެ އާއްމު މަޖިލީހުގައި މިއަހަރުގެ މެއި މަހު ބޭއްވުނު ބަހުސުގައިވެސް ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު މިކަން ހާމަކުރައްވާފައިވާ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ކެކުޅުންތަކާއި އެމީހުންގެ ހަގީގީ ހާލަތު ނުބަލައި އެކަންކަން ހައްލުކޮށްނުދީ ތިބެވެން ނެތްކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ޝާހިދު ގެންނަވާފައިވާ ކަމަށް ވެސް އަހުމަދު ސަލީމު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސިޔާސަތަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ރާއްޖެ ދެމިއޮތުންކަމަށާއި މި ސިޔާސަތުގެ ލަނޑުދަނޑިއަކީ 1967 ގެ އިންތަކުގެ ތެރޭގައި އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެހި ފުރިހަމަ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށްވެސް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުންނށް ޖެހިފައިވާ ހިތްދަތި ހިތާމަވެރި ހާލަތުން މިންޖުކޮށްނުދެވި ގިނަ ދުވަސްވުމަކީ މުޅި އިސްލާމީ އުއްމަތަށް އެޅިފައިވާ އަނދިރި ހިޔަންޏެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެޓީވީން ފަލަސްތީނަށްޓަކައި ހިންގި ހަރަކާތަށް މި ދަނޑިވަޅުގައިވެސް އެންމެހައި ދިވެހީންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު އެއްބާރުލުމެއްކަން އަހުމަދު ސަލީމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ހަދިޔާ ހަގީގަތަކަށް ހެދުމަށްޓަކައި ދިވެހި ރައްޔިތުންނާއި ބޭންކް އޮފް މޯލްޑިވްސްއާއި ރާއްޖެޓީވީގެ ޓީމުން ދީފައިވާ ފުރިހަމަ އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މި ހަދިޔާއަކީ ފަލަސްތީނުގެ ސުންނާފަތިވެފައިވާ އޮނިގަނޑު އަލުން އާރާސްތުކުރުމަށް ބޭނުންވާ ހަގީގީ އަދަދަށް ނިސްބަތްކުރާއިރު ވަރަށްވެސް ކުޑަ މިންވަރެއްކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނާއި ދިވެހީންގެ ޒަމާންވީ އަޚުވަންތަކަމުގެ ރަމްޒެއް ކަމަށާއި ގާޒާގެ ފުނޑުފުނޑުވެފައިވާ ސިއްހީ ދާއިރާ އަލުން ކޮޅަށް ޖެހުމުގައި މިހަދިޔާ ކޮންމެވެސްވަރެއް ކޮށްދޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
ގާޒާގެ ރައްޔިތުންގެ ތެރެއިން 80 އިންސައްތަ މީހުން ތިބީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް ބަރޯސާކޮށްގެންކަން އެނގިވަޑައިގަންނަވާ ކަމަށާއި ތަފާސްހިސާބުތަކަށް ބަލައިލީމާ ވަރަށް ސާފުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަދުނަސީބު ހާލަތު ފެނި ހާމަވެގެންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަން ޖެހިފައިވާ ހިތްދަތި ހާލަތަކީ ދިވެހިން ނުހަނު ދެރަވެ ހިތާމަކުރާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.