ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 19:28
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައި
ޔޫސުފް ސޮފްވާން ރަޝީދު
ސިޔާސީ މަންފާ ހާސިލުކުރުން
ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ބައެއް މީހުން މަސައްކަތް ކުރޭ: ޕީޕީއެމް/ޕީއެންސީ
 
ހަގީގަތާ ޚިލާފު ވާހަކަތައް ދަނީ ދައްކަމުން
 
ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފައިވޭ
 
އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފިއެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން އެކި މީހުން ތަފާތު މަންފާތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހަގީގަތާއި ޚިލާފު ވާހަކަތައް އެކި ފްލެޓްފޯމްތަކުގައި ދައްކަމުންދާ ކަމަށެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޕީއެންސީން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމްއާއި ޕީއެންސީއާއެކު ކަމަށާއި، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު އެހެން އެއްވެސް ޕާޓީއަކާއިއެކު ނުވަތަ އެހެން ބަޔަކާއެކު ނުކުރައްވާނެ ކަމަށެވެ.

އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް، ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާއި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.

ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވާއިރު، އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ ގޭބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ސިޔާސީ މަސައްކަތްތައް ފުޅާދާއިރާގައި ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ މާފުށީ ޖަލުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޖަލު ބަލަހައްޓާ ޕްރިޒަން އޮފިސަރުން ހިމެނޭތީއެވެ. ރައީސް ޔާމީން ހިމެނޭ ގޮތުން، ހައި ރިސްކު ނުވަތަ ސީރިއަސް ހާލަތަށް ހިނގައިދާނެ ހުރިހާ ގައިދީން ގޭބަންދަށް ވަގުތީ ގޮތުން ވަނީ ބަދަލުކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލުމަށް ވަނީ ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް