އަންނަ ޖުލައި މަހު ބާއްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސްގެ އެތުލެޓިކްސް އިވެންޓުގައި ވާދަކުރާނެ އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވިއްޖެއެވެ.
މީގެ ކުރިން މިދިޔަ މާޗު މަހު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭން ހަ ދުވުންތެރިއަކު ޝޯޓްލިސްޓުކޮށްފައެވެ. އެއީ ސާއިދާއި، އަޙްމަދު ނަޖުދާން އަބްދުﷲ އާއި، އިބާދުﷲ އާދަމާއި، އައިޝަތު ހިމްނާ ހަސަނާއި، އައިޝަތު ޝަބާ ސަލީމް އަދި މަރިޔަމް ރޫޔާ އަލީއެވެ. އެކަމަކު ޓްރަޔަލްތަކުގައި ބައިވެރިވީ ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ ހިމްނާއެވެ. މީގެ ތެރެއިން ސާއިދަށް އޮލިމްޕިކްސްގެ ފުރުސަތު ލިބުނީ ދާދި ފަހުން ބޭއްވި ޓައިމް ޓަރަަޔަލްތަކަށް ފަހުއެވެ.
މި އަހަރުގެ އޮލިމްޕިކްސްއިން ސާއިދަށް ފުރުސތަު ލިބުނުއިރު، މީގެ އެންމެ ފަހުން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައިވެސް ސާއިދު ވަނީ ވާދަކޮށްފައެވެ. އަދި ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ އަފާ އިސްމާޢީލުވެސް އެ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރިއެވެ. އެ ދެ ދުވުންތެރިންނަށް ފުރުސަތު ލިބުނީ އޮލިމްޕިކްސްއަށް ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ދެ ޖާގައިގެ ތެރެއިންނެވެ.
އެ ފަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ ޕްރިލިމިނަރީ ބުރުން އެއްވަނަ ހޯދައި، ފުރަތަމަ ބުރުން ޖާގައެއް ހޯދާފައެވެ. އެއާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓަށެވެ.
އަންނަ މަހު ފަށާ އޮލިމްޕިކްސްއިން ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ ތިން ކުޅިވަރަކުންނެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ފެތުމާއި ބެޑްމިންޓަނެވެ. ފެތުމުން އޮލިމްޕިކްސްގައި ވާދަކުރާނީ އައިޝަތު ޝައުސަން އާއި އަލީ އިމްއާނެވެ. އަދި ބެޑްމިންޓަންއިން ފުރުސަތު ލިބުނީ ފާތިމަތު ނަބާހާއަށެވެ.
މި އަހަރުގެ ޖުލައި މަހު ޓޯކިއޯ އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ މުބާރާތެވެ. ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް މި އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމިއިރު، މިދިޔަ އަހަރުގެ އޮލިމްޕިކްސް ޓޯކިއޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ.