ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 15:56
ޔޫރޯ 2020 ގެ ޓްރޮފީ: ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާނެ
ޔޫރޯ 2020 ގެ ޓްރޮފީ: ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާނެ
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ދެވަނަ ބުރުގެ ފޯރިގަދަ ކުރިމަތިލުންތައް
 
ޔޫރޯގެ ދެވަނަ ބުރުގައި ޖުމްލަ 16 ޓީމު ވާދަކުރާނެ
 
ޔޫރޯގެ ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާނެ

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާނެއެވެ. ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ ޓީމާއި، ދެވަނަ ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާތައް ހޯދައިގެން ތިންވަނައަށް ދިޔަ ހަތަރު ޓީމަށް ދެވަނަ ބުރުގެ ޖާގަ ވަނީ ލިބިފައެވެ.

ގްރޫޕް އޭ:

ގްރޫޕް އޭ ގައި ސައްތައިން ސައްތަ ރިކޯޑަކާއެކު އިޓަލީ ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ތުރުކީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ސްވިޓްޒަލެންޑް އަތުން ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ވޭލްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެވަނަ ބުރަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުގައި ވަނީ ސްވިޓްޒަލެންޑްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ތުރުކީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި އިޓަލީ އަތުން ވޭލްސް ވަނީ ބަލިވެފައެވެ. އެހެންކަމުން ވޭލްސް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން މި ގްރޫޕުގެ ތިންވަނައަށް ދިޔަ ސްވިޓްޒަލެންޑަށްވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައެވެ. ސްވިޓްޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސް އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެކަމަކު ފަހު މެޗުގައި ތުރުކީ އަތުން 3-1 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

ގްރޫޕް ބީ:

ގްރޫޕް ބީން ދެވަނަ ބުރަށް ދަތުރުކުރީ ގަދަ ދެ ޓީމެވެ. އެއީ ބެލްޖިއަމާއި ޑެންމާކެވެ. މި ގްރޫޕުގެ އެއްވަނައަށް ބެލްޖިއަމް ދިޔައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުން ޑެންމާކް އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ފިންލެންޑް އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް ދެވަނަ ބުރަށް ދަތުރުކުރިއިރު، ޑެންމާކަކީ ޔޫރޯގެ ތާރީޚުގައި ފުރަތަމަ ދެ މެޗުން ބަލިވެ، ފަހު މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ޑެންމާކުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފިންލެންޑް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ބެލްޖިއަމް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ޑެންމާކުން ވަނީ ކުޅުނު ފަހު މެޗުގައި ރަޝިއާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުގައި ހިމެނުނު ޑެންމާކާއި، ފިންލެންޑް އަދި ރަޝިއާއަށްވެސް ތިން ޕޮއިންޓް ލިބުނުއިރު، ޑެންމާކަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ގްރޫޕް ސީ:

މުބާރާތުގެ ގްރޫޕް ސީ އިންވެސް ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ދެ ޓީމެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސައްތައިން ސައްތަ ރިކޯޑަކާއެކު ނެދަލެންޑްސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ނެދަލެންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރޭންގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އޮސްޓްރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ފަހު މެޗުގައި ނޯތު މެސެޑޯނިއާގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި އޮސްޓްރިއާއަށް ކުޅުނު ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން އޮސްޓްރިއާ ބަލިވެފައިވަނީ ނެދަލެންޑްސް އަތުން އެކަންޏެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ނޯތު މެސެޑޯނިއާއަތުން 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާ މޮޅުވިއިރު، ފަހު މެޗުގައި ވަނީ ޔޫކްރޭން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ގްރޫޕް ޑީ:

ޔޫރޯގެ އެންމެ ފޯރި ގަދަ ގްރޫޕުތަކުގެ ތެރޭގައި ހިމެނުނު ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން އިންގްލެންޑް ޖާގަ ހޯދާފައިވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެގެންނެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާގެ މައްޗަށް އިންގްލެންޑުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުން ސްކޮޓްލެންޑާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ފަހު މެޗުގައި ޗެކް ރިޕަބްލިކް އަތުން 1-0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކްރޮއޭޝިއާ ދެވަނަ ބުރުގެ ޖާގައެއް ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ފަހު މެޗުން މޮޅުވެގެންނެވެ. ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ އިންގްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ދެވަނަ މެޗުގައި ޗެކް ރިޕަބްލިކާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ފަހު މެޗުގައި ސްކޮޓްލެންޑް އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގައި ހިމެނޭ ޗެކް ރިޕަބްލިކަށްވެސް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވާއިރު، އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޗެކް ރިޕަބްލިކަށްވެސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްކޮޓްލެންޑްގެ އަތުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ކްރޮއޭޝިއާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވިރު، ތިންވަނަ މެޗުގައި އިންގްލެންޑް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ގްރޫޕް އީ:

ގްރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ސްވިޑެންއިން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ މެޗުން ވަނީ ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ތިންވަނަ މެޗުގައި ޕޮލެންޑް އަތުން އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ޕޮލެންޑާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗު ސްލޮވާކިއާގެ މައްޗަށް ސްޕެއިން ވަނީ 5-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ގްރޫޕް އެފް:

ޔޫރޯގެ މަރުގެ ގްރޫޕުގެ ކުރިމަތިލުންތައް ފޯރިގަދަކޮށް ނިމިގެންދިޔައިރު، މި ގްރޫޕުގައި އެންމެން ސިއްސުވާލި ނަތީޖާތަކެއްވެސް ފެނިގެންދިޔައެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، އެ ޓީމަށް ކުޅުނު ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފައިއެވެ. މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ހަންގޭރީއާ 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ޕޯޗުގަލާ ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ދެން މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޖަރުމަނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ޖަރުމަން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ޕޯޗުގަލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ފަހު މެޗުގައި ވަނީ ހަންގޭރީއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި ގްރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ޕޯޗުގަލުން ކުޅުނު ފުރަތަމަ މެޗުން ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ޖަރުމަން އަތުން ބަލިވެފައެވެ. އަދި ފަހު މެޗުގައި ފްރާންސްއާ ބައްދަލުކުރިއިރު، އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހު ފަށާއިރު، ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. އެއަށްފަހު ސެމީ ފައިނަލް މެޗުތައް ޖުލައި މަހުގެ ހަތްވަނަ ދުވަހު ފަށާއިރު، ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
67%
0%
33%
0%
0%
0%
ކޮމެންޓް