ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 02:34
ޕޯޗުގަލާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ޕޯޗުގަލާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޕޯޗުގަލާއި ޖަރުމަން ދެވަނަ ބުރަށް
 
ޕޯޗުގަލާއި ފްރާންސް އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
 
ޖަރުމަނާއި ހަންގޭރީ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ފަހު މެޗުގައި ފްރާންސްއާ އެއްވަރުކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 30 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ޕޯޗުގަލުގެ ޑެނީލޯ ޕެރެއިރާއަށް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ފްރާންސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭއަށް ޕޯޗުގަލުގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ފްރާންސްއިން ވަނީ ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ފްރާންސްގެ ޖޫލްސް ކޫންޑޭގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ރޮނާލްޑީ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ގައުމީ ޓީމުގެ ޖާޒީގައި 109 ލަނޑު ޖަހާފައެވެ. އެއާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން އީރާނުގެ އަލީ ދާއީގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ދެވަނަ ބުރުގެ ޖާގައެއް ޖަރުމަނުން ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ހަންގޭރީއާ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ޖަރުމަނުން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ހަންގޭރީންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ސަލައިއެވެ. އެކަމަކު ޖަރުމަނުން ވަނީ ދެވަނަ ހާފުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން އަންޑްރާސް ޝޭފާ ވަނީ އިތުރު ލަނޑެއް ޖަހައި ހަންގޭރީއަށް އަލުން ލީޑު ނަގާދީފައެވެ. މި މެޗުން ޖަރުމަން ސަލާމަތްވީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލެއޯން ގޮރެޓްޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިނަތީޖާތަކާއެކު ފްރާންސްއިން ގްރޫޕް އެފް ގެ އެއްވަނައިގައި ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޖަރުމަން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ޖަރުމަނަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ދެވަނަ ބުރުގައި ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރަން ޖެހޭއިރު، ޖަރުމަން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވާދަކުރަން ޖެހޭނީ ބެލްޖިއަމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
50%
50%
0%
0%
0%
0%
ކޮމެންޓް